03 Feb 2011, 09:29
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ ކްލަބް ވިކްޓަރީ ސްޕޯޓްސް ކްލަބް އުފެދުނުތާ މިއަހަރަށް 40 އަހަރު ފުރޭތީ އެކަމުގެ ޙަރަކާތްތައް އަތޮޅުތަކުގައި ކުރިއަށް ގެންދަން ކްލަބުން ނިންމައިފި އެވެ.
ވިކްޓަރީގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު ބުނީ ހަރަކާތްތައް ފެށުން އޮންނާނީ ހދ. ކުޅުދުއްފުށީގައި ކަމަށާއި ހދ. އަތޮޅުގައި 3 މެޗު އެދަތުރުގައި ކުޅެން ރާވާފައިވާ ކަމަށެވެ. "މިމަހުގެ 19ން 22ށް ކުޅުދުއްފުއްޓަށް ކުރާ ދަތުރެއްގައި މި ހަރަކާތްތައް ފަށާނީ. ރާވާފައިވަނީ ކުޅުދުއްފުށީގައި 3 މެޗު ކުޅުމަށްފަހު ކެލާގައިވެސް މެޗެއް ކުޅެން. އޭގެ ފަހުން މާލެ އަންނާނީ." އަޔާޒު ބުންޏެވެ.
އަޔާޒު ބުނީ ސީޒަން ހުޅުވަން މިމަހުގެ 13 ވަނަ ދުވަހު ކުޅޭ މެޗަށްފަހު ވިކްޓަރީ ތައްޔާރުވާނީ މި ދަތުރަށް ކަމަށާއި އޭ އެފް ސީގެ ފުރަތަމަ މެޗު އޮންނާނީ މި ދަތުރަށްފަހުގައި ކަމަށެވެ.
ވިކްޓަރީގެ މެނޭޖަރ ބުނީ މިއަހަރު ވިކްޓަރީގެ ޕްލޭންގައި ރާއްޖެތެރޭގެ ގިނަ ސަރަހައްދުތަކަށް ދަތުރު ކުރަން ރާވާފައިވާ ކަމަށާއިި ވަރަށް އަވަހަށް އެ ދަތުރުތައް މުޅިން ކޮންފާމްވާނެ ކަމަށެވެ. "މިއަހަރު ހުރިހާ އަތޮޅެއްގައިވެސް ވިކްޓަރީގެ ޙަރަކާތެއް ހިންގުމަކީ ވަރަށް ބޮޑު އަމާޒެއް. ކޮންމެ ގޮތެއްވިއަސް ފަސޭހައިން ހަރަކާތްތައް ހިންގެން ހުރި ސަރަހައްދުތަކަށް ވިކްޓަރީގެ ޓީމު ގޮސް މެޗުތައް ކުޅޭނެ. އަތޮޅުތަކަށް މިހާބޮޑަށް ޓާގެޓް ކުރުމުގެ ބޭނުމަކީ ހަގީގަތުގައި ފުޓްބޯޅައިގެ ކުރިމަގު ގުޅިފައި މިވަނީ އަތޮޅުތަކާ ކަމަށްވާތީ." އަޔާޒު ބުންޏެވެ.
1971
ވަނަ އަހަރު އުފެދުނު ވިކްޓަރީއަކީ ފުޓްބޯޅައިގެ އެންމެ ކުލަގަދަ މާޒީއެއް އޮތް ޓީމެވެ. އެޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ ޖެހިޖެހިގެން ދެފަހަރު ޤައުމީ ތަށި މިލުކު ކުރުމެވެ. މިހާތަނަށް އެހެން އެއްވެސް ކްލަބަކަށް ފުޓްބޯޅައިގެ ޤައުމީ ތަށި މިލުކު ކުރެވިފައެއް ނުވެއެވެ.