21 Dec 2014, 17:56
އައްޑޫގައި ޓެކްސީ ދުއްވުމާއި ޓެކްސީތަކުން ނަގާ އަގުތައް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.
"ސަން" އާ ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު މިއަދު ވިދާޅުވީ މީގެކުރިން ވެސް އައްޑޫގައި ޓެކްސީ ކުރުމުގެ ގަވާއިދެއް އޮންނަ ކަމަށެވެ. ނަމަވެސް އޭރުގެ ގަވާއިދު ބުނާ ގޮތުން ދުއްވުމުގެ ހުއްދަ ދެވެނީ އާބާދީއަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. ތޮއްޔިބު ވިދާޅުވީ އައްޑޫގައި ޓެކްސީގެ ހިދުމަތުން އަގު ނެގުމާ ބެހޭ މައްސަލަ އަންނަ ހަފުތާގައި ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން މި ހެދި އެއްޗަކީ އެކަން މުޅިން ރިވައިޒްކޮށްލީ. އައްޑޫގައި އާބާދީ ވެސް ގިނަ ވެއްޖެ. އެެހެންވީމަ ގިނަ ޓެކްސީވެސް ބޭނުންވާނެއްނޫންތޯ. ދެން އަޅުގަނޑުމެން މިކަން ކުރިއިރު އައްޑޫގައި ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރުތަކާއި ވަރަށް ބޮޑަށް މަޝްވަރާކޮށްފައި،" ތައްޔިބު ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ އައްޑޫގައި ޓެކްސީގެ ޑިމާންޑު މިހާރު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް މިހާރު އައްޑޫގެ ޓެކްސީތަކުން ނަގަމުންދާ އަގުތަކާއި މެދު ގިނަ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް ތައްޔިބު ވިދާޅުވި އެވެ. އަދި ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑުރައިވަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަކި އަގުތަކެއް ހަމަޖައްސެމަށް އެއްބަސްވެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އަގުތަކަށް މިވާ ގޮތަކީ އެއް ބޯޑަރު ހުރަސްކޮށްލިއަސް އެ ޑުރައިވަރަކު ހިތަށް އެރިވަރަކަށް އަގު މި ނަގަނީ. އެހެންވީމަ އަގުތަކުގައި ތަފާތުތަކެއް އުޅޭނެ ދެއްތޯ. އެހެންވީމަ މިފަދަ ޝަކުވާތައް އެބައާދޭ އަޅުގަނޑުމެންނާއި ހަމައަށް ވެސް. ދެން އިރާދަކުރެއްވިއްޔާ މިކަން މި ހަމަ މަގަށް އެޅެނީ،" ތައްޔިބު ވިދާޅުވި އެވެ.
ތައްޔިބު ވިދާޅުވީ އައްޑޫ ސިޓީން މިހާރު ވާނީ ޓެކްސީ ދުއްވުމުގެ ގަވާއިދެއް ހަދާފައި ކަމަށެވެ. އެހެން ނަމަވެސް އެގަވާއިދާ ހިލާފުވެ ބޮޑު އަގުތައް ނަގަމުންދާ ފަރާތްތަކާއި މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތައްޔިބު ވިދާޅުވީ ފިޔަވަޅު އެޅުމުގެ ގޮތުން އެންމެ ފުރަތަމަ ނަސޭހަތް ދޭނެ ކަމަށާއި އެކަން ތަކުރާރު ވެއްޖެ ނަމަ ފުލުހުންނާއި ހަމައަށް އެ މައްސަލަތައް ގެންދާނެ ކަަމަށެވެ.
ޑެޕިއުޓީ މޭޔަރު ތޮއްޔިބު ވިދާޅުވީ އައްޑޫގައި ގިނަ އަދަދެއްގެ ޓެކްސީ ދުއްވާއިރު އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުން ކަމަށެވެ. އެހެންކަމުން އަންނަ އަހަރު އައްޑޫގައި ދުއްވާ ޓެކްސީތަކުގައި މީޓަރު ހަރުކުރާނެ ކަމަށް ތައްޔިބު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ އަހަރު ޓެކްސީތަކުގައި މީޓަރު ހަރުކޮށްފިއްޔާ އަޅުގަނޑުމެން ވާނީ ރާއްޖޭގެ ސިޓީއެއްގައި އެންމެ ފުރަތަމަ މީޓަރު ހަރުކުރު ބަޔަކަށް" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ރަޖިސްޓްރީ ކޮށްގެން ހަ ޓެކްސީ ސެންޓަރު ހިންގަމުންދާއިރު ގާތްގަނޑަކަށް 300 އެއްހާ ޓެކްސީން ހިދުމަތް ފޯރުކޮށްދޭ ކަމަށް ތައްޔިބު ވިދާޅުވި އެވެ.