ރާއްޖޭގެ އުތުރަށް ކުރި ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބައެއް ގެތަކުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވެ އެރަށުގެ ފެން ނަޖިސްވެފައިވާތީ އެރަށަށް ސާފު ފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު މިއަދު ވިދާޅުވީ، ނޮޅިވަރަންފަރަށް ދިމާވެގެން އުޅޭ މައްސަލާގައި އެ ކައުންސިލުން މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އެރަށަށް މިވަގުތަށް ބޭނުންވާ ސާފު ފެން ކުޅުދުއްފުށީގައި ހުންނަ އެމްޑަބްލިޔުއެސްސީގެ ގޮފިން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން މިއަދު ވަނީ 100 ޓަނުގެ ފެން ލިބިފަ. އެކަމަކު ނޮޅިވަރަންފަރުގެ ފެނުގެ ކެޕޭސިޓީއަކީ 20،000 ލީޓަރު ކަމުން އެވަރު މިފޮނުވުމުގެ މަސައްކަތް މިކުރަނީ. މިހާރު އަޅުނގަޑުމެން މަސައްކަތް މިކުރަނީ ކުޅުދުއްފުށިން ފެން ނޮޅިވަރަންފަރަށް ގެންދެވޭނެ ގޮތެއް ހޯދަން،" ހދ. އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ފެންތައް މިއަދުގެ ވަގުތެއްގައި ނޮޅިވަރަންފަރަށް ގެންދެވޭނެ ކަމަށެވެ. އަދި ރަށުގެ ހާލަތު ރަނގަޅުވަންދެން ފެން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބައެއް ގެތަކުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެރަށުގެ ރައްޔިތުންވަނީ އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި ފެންވަރާނެ ސާފު ފެން ފޯރުކޮށްދިނުމަށް ގޮވާލައި ރަށު ކައުންސިލު ދޮަށަށް އެއްވެ އަޑު އުފުލާފަ އެވެ.

އާދަމް ނާސިރު ވިދާޅުވީ، އެރަށުގެ ފެން ނަޖިސްވެ ރައްޔިތުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެރަށުގެ ގެތަކުން ބޭރުވެފައިވާ ނަޖިސްތައް ހިންދުމުގެ މަސައްކަތް ފަށަން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެރަށަށް ރަނގަޅު ނަރުދަމާގެ ނިޒާމެއް ހޯދައިދިނުމަށްޓަކާ އެ ކައުންސިލުގެ ފަރާތުން އެންވާރަމަންޓް މިނިސްޓްރީއާއެކު މާދަަމާ މަޝްވަރާތަކެއް ކުރައްވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.