21 Dec 2014, 17:01
ސީރިޔާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ އެތައް މިލިއަން ރެފިއުޖީން އަކަށް އެހީވުމަށް ތުރުކީގައި އިތުރު ކޭމްޕްތަކެއް އަޅަން ފަށައިފި އެވެ.
ތުރުކީ ސަރުކާރުގެ ޑިޒާސްޓާ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ ނުވަތަ އޭއެފްއޭޑީގެ އިސްވެރިޔާ މަހުމުތް ސޮންމެޒް ވިދާޅުވީ، ތުރުކީގެ އިރު ދެކުނުގައި އަޅާ އެ ގެތަކަކީ 32500 ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅަމުންދާ ގެތަކެއް ކަމަށެވެ. އަދި އަންނަ މަހުގެ މެދު ތެރޭގައި އެގެތައް އަޅައި ނިމި، ރެފިއުޖީންނަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސީރިޔާގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 22 މިލިޔަން އާބާދީގެ ތެރެއިން ނުވަ މިލިއަން މީހުންގެ ގެދޮރު ހަލާކުވެ ހާލުގައިޖެހި، ރެފިއުޖީންގެ ގޮތުގައި ގައުމުން ބޭރުގައާއި ގައުމުގެ އެތެރޭގައި އުޅެންޖެހިފައިވެ އެވެ.
އެގޮތުން، ސީރިޔާގެ ރެފިއުޖީންގެ ތެރެއިން ގިނަބަޔަކު އެގައުމުގެ އެތެރޭގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުން ގެންދާއިރު އަވަށްޓެރި އުރުދުން، ތުރުކީ، އިރާގު އަދި ލުބްނާނުގައި ވެސް 1.8 ސީރިޔާގެ ރައްޔިތުން ދިރިއުޅެމުން ގެންދެ އެވެ. މީގެ އިތުރުން ސޫރިޔާގެ އިތުރު 9.4 މިލިޔަން މީހުން ވެސް ވަނީ އދ. އިން ފޯރުކޮށްދޭ ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އަސާސީ ތަކެއްޗަށް ބަރޯސާވާންޖެހިފަ އެވެ.
ތުރުކީގެ އިރުދެކުނުގައި އޮންނަ ސަންލީއޫފާގައި އަޅަމުންދާ އެ ގެތަކުގެ މަސައްކަތާ އިސްކޮށް ހަވާލުވެ ހުންނެވި މަހުމުތް ވިދާޅުވީ، އެ ސަރަހައްދުގައި އަލަށް އަޅާ ރެފިއުޖީ ކޭމްޕްތަކުން މެދުމަދަރުސީ ތައުލީމުން ފެށިގެން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތާއި ހުރިހާ ހިދުމަތެއް ލިބޭނެ ހޮސްޕިޓަލެއް ގާއިމްކުރެވިފައި ހުންނާނެ ކަމަށެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ 1.7 މިލިއަން ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ އިރު، އެ މީހުންގެ ބޭނުންތަކަށް 5.5 ބިލިއަން ޑޮލަރު އެގައުމުން ހަރަދުކުރާ ކަމަށެވެ. (އޭޕީ)