21 Dec 2014, 16:57
ގއ. ގެމަނަފުށީ، ޕީޕީއެމް އޮފީހުގައި ބޭނުން ކުރި ސާމާނުތައް ނީލަމަށް ލައިފި އެވެ.
ގެމަނަފުށީ ކައުންސިލްގައި މިވަގުތު ހުރި ހަމައެކަނި ޕީޕީއެމް މެންބަރު، އަހުމަދު ނަޒްމީން "ސަން" އަށް މިއަދު ވިދާޅުވީ ޕީޕީއެމް އޮފީހުގައި ހުރި ތަކެތި ނީލަން ކިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެ ތަކެތި ނީލަން ކިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ މެންބަރު މުއްތަލިބު "ސަން" އަށް ވިދާޅުވީ ތަކެތި ނީލަން ކިޔަން ނިންމީ ސަރުކާރުގެ ފަރާތުން ޕީޕީއެމަށް ސަޕޯޓު ކުރާ ރައްޔިތުންނަށް އެއްވެސް އެއްބާރުލުމެއް ނުދޭތީ ކަމަށެވެ. އަދި ސަރުކާރުން ރަށުގައި ހަމަޖައްސާ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ވެސް ޕީޕީއެމްގެ މެންބަރުންނަށް ވުރެ ބޮޑަށް އެހެން މީހުންނަށް އިސްކަންދޭ ކަމަށް މުއްތަލިބު ތުހުމަތު ކުރި އެވެ. އެގޮތުން ފެނަކައިގެ ދެ ވަޒީފާއަކަށް ޖުމްހޫރީ ޕާޓީގެ މީހުން ހަމަޖައްސާފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ޕީޕީއެމްގެ ގެމަނަފުށީ އޮފީހުން ނީލަން ކިޔާ ތަކެތީގެ ތެރޭގައި ލައުޑް ސްޕީކަރު، ޕާޓީގެ އެއްވުންތަކުގައި އިށީނުމަށް ބޭނުން ކުރި ގޮނޑި، ސައުންޑް ސިސްޓަމް އަދި ޓީވީ ފަދަ ތެކެތި ހިމެނެ އެވެ. އެންމެ އަގު ބޮޑުކޮށް ނީލަމުގައި ވިއްކާލުމަށް ނިންމާފައި ވަނީ ސައުންޑް ސިސްޓަމެވެ. އެއީ 25000 ރުފިޔާ އަށެވެ.

މުއްތަލިބު ވިދާޅުވީ ނީލަމުގެ މަސައްކަތް މާދަމާ ވެސް ކުރިއަށް ދާނެ ކަމަށެވެ. އެހެންނަމަވެސް އަދި ޕީޕީއެމްގެ ގެމަނަފުށީ ގޮފި އުވާނުލާ ކަމަށާއި އެކަން ކުރިއަށް ގެންދާނީ ގޮފީގެ މެންބަރުންނާ މަޝްވަރާކުރުމަށް ފަހުކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު މިއަދު ސަން އަށް ވިދާޅުވީ ގެމަނުފުށީ ޕީޕީއެމް އޮފީހުގައި ހުރި ތަކެތި ނީލަން ކިޔާކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.