ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފުރަތަމަ ސަރަހައްދީ އޮފީސް އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހުޅުވައިފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި އެޗްއާރްސީއެމްގެ ސަރަހައްދީ އޮފީސް މިއަދު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދު އެވެ.

"ސަން" އާ ވާހަކަފުޅު ދައްކަވަމުން އެޗްއާރްސީއެމްގެ ސެކެޓްރީ ޖެނެރަލް ޝަމްއޫން ހަމީދު މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވި އެ ކޮމިޝަންގެ ފުރަތަމަ ސަރަހައްދީ އޮފީހުން އެޗްއާރްސީއެމްގެ މެންޑޭޓުގެ ތެރެއިން ކުރާ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ގާއިމް ކުރި އެ ކޮމިޝަންގެ ސަރަހައްދީ އޮފީހުގެ އިތުރުން ގއ، ގދ، އަދި ޏ. އަތޮޅުގައި ވެސް އެކޮމިޝަންގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ޝަމްއޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުއްލިއަކަށް ދިމާވާ ހާދިސާ އެކަމަކަށް އެޓެންޑުކުރަން މާލެއިން އޮފިސަރުން ފޮނުވީމަ ދަތިވޭ. ލަސްވެސްވޭ. އެހެންވީމާ މި ހަތަރު އަތޮޅު އެއީ ގއ، ގދ، ޏ. އަދި ސ. މި ހަތަރު އަތޮޅުން ވެސް އެޗްއާރްސީއެމްގެ މެންޑޭޓުގެ ތެރެއިން ކުރާ ހުރިހާ މަސައްކަތްތަކެއް ކުރުމުން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ." ޝަމްއޫން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަސްމީކޮށް މިއަދު އެ ކޮމިޝަންގެ ސަަރަހައްދީ އޮފީސް ހުޅުވިގެން ދިޔަ ނަމަވެސް އެ އޮފީހުގެ ހިދުމަތް މިދިޔަ ނޮވެމްބަރު މަހުން ފަށައިގެން ރައްޔިތުންނަށް ލިބެމުންދާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ކަހަލަ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްއޫން ވިދާޅުވީ ސަރަހައްދީ އޮފީހަށް ހުށަހެޅޭ މައްސަލަތައް ނިންމާ އެ މައްސަލަތަކުގެ ރިޕޯޓުތައް ފޮނުވާނީ މާލޭގައި ހުންނަ އެޗްއާރްސީއެމްގެ މައި އޮފީހަށް ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ގާނޫނު ބުނާ ގޮތުން މައްސަލަތައް ނިންމާ އެ މައްސަލަތަކުގެ ރިޕޯޓުތައް ނިންމި ނަމަވެސް އެއްވެސް ކަމެއް ނިންމޭނީ ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން. އެހެންވީމާ މައްސަލަތައް ނިންމުމަށް ފަހު އެ ރިޕޯޓެއް ފޮނުވާނީ އަޅުގަނޑުމެންގެ މައި އޮފީހަށް." ޝަމްއޫން ވިދާޅުވި އެވެ.

ޝަމްއޫން ވިދާޅުވީ އެޗްއާރްސީއެމްގެ ސަރަހައްދީ އޮފީހުގައި މަސައްކަތް ކުރަން ތިބޭނީ މަދު މުވައްޒަފުންތަކެއް ކަމަށާއި އެ މުވައްޒަފުންތަކަކީ ގިނަ ކަންކަން ކުރަން އެނގޭ "މަލްޓި ޓާސްކް" މުވައްޒަފުންތަކެއް ކަމަށެވެ.