ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ކާމިޔާބީތަކަށް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާ އިން މަރުހަބާ ކިޔައި، އެ ކްލަބަށް ހާއްސަ ސިޓީއެއް ފޮނުވައިފި އެވެ.

ފީފާ އިން ނިއުއަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ނިއުއިން މިހާތަނަށް ހޯދާފައި ވަނީ ފާހަގަ ކޮށްލެވޭ ފަދަ ރަނގަޅު ކާމިޔާބީތަކެއް ކަމަށެވެ. އަދި އެ ކާމިޔާބީތަކަކީ ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަދި ސްޓާފުންގެ އިތުރުން ޓީމުގެ ސަޕޯޓަރުން ކުރާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ފީފާ އިން ވަނީ ކުރިއަށް އޮތްތާ ވެސް އެފަދަ ކާމިޔާބީތައް ހޯދަން ގަދައަޅާ މަސައްކަތްކުރުމަށް އެ ކްލަބަށް ހިތްވަރު ދީފައެވެ.

ފީފާގެ ފަރާތުން ނިއުއަށް ފޮނުވި އެ ސިޓީ އެފްއޭއެމުން އެ ކަލަބާ ހަވާލުކޮށްފައި ވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ވަގުތީ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ ރާއްޖޭގެ ފުޓްބޮޅަ އަށް ނިއުއިން ހޯދަދޭ ކާމިޔާބީތަކާއި ކޮށްދޭ މަސައްކްތަ އެފްއޭއެމުން ވެސް ފާހަގަ ކުރާ ކަމަށާއި އެ މަސައްކަތްތައް އެފްއޭއެމުން ވެސް ބަލައިގަންނަ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފީފާ އިން ފޮނުވި ސިޓީއާ ނިއު އިން ހަވާލުވުމަށް ފަހު ވާހަކަ ދައްކަވަމުން ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ އެއީ ނިއުއަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެފަދަ ގޮތަކަށް ނިއުގެ ކާމިޔާބީތައް ފާހަގަވެގެން ދިޔުމަކީ އެ ކްލަބް ކުރާ މަސައްކަތުގައި ދެމިތިބެން އެ ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ނިއުއަށް ލިބުނު އެ ކާމިޔާބީ ހާއްސަ ގޮތެއްގައި އެފްއޭއެމުން ފާހަގަ ކުރިކަމަށް ޓަކައި ކްލަބުގެ ފަރާތުން އެފްއޭއެމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"މިފަދަ މަސައްކަތްތަކުގައި ކްލަބްތަކުން ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ބާރަކަށް ވާނީ އަޅުގަނޑުމެންގެ ބެލެނިވެރި އެސޯސިއޭޝަނުން މިކަހަލަ ކަންކަމަށްދޭ ރެކޮގްނިޝަން. މިކަން މިފަދަ ގޮތަކަށް ފާހަގަ ކުރީތީ އެފްއޭއެމަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިއީ ނިއުއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވަދާޅުވީ އެ ކަމީޔާބީއާ އެކު ދެން އެ ކްލަބުން މަސައްކަތް ކުރާނީ މިމަހުގެ ތެރޭ ތައާރަފްވެގެން ދިޔަ އޭއެފްސީ ރޭންކިންގައި އިތުރު ކުރިއެރުމެއް ހޯދަން ކަމަށާއި، ކުރިއަށް އޮތް އޭއެފްސީ ކަޕްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.

ޖުމްލަ 147 ކަލްބަކާ އެކު މިމަހުގެ ތެރޭ ތައާރަފްކުރި އޭއެފްސީ ރޭންކިން ތާވަލްގައި މިހާރު ނިއު އޮތީ ރާއްޖޭގެ ކްލަބަކަށް އެ ތާވަލުން ލިބިފައިވާ އެންމެ މަތީ ދަރަޖަ ކަމަށްވާ 94 ވަނައިގައެވެ. އަދި މިދިޔަ އަހަރުތަކުގައި މެދުކެނޑުމެއް ނެތި އެ ކްލަބް އޭއެފްސީ މުބާރާތުގައި ބައިވެރިވަމުން އަންނަ އިރު، ރާއްޖޭގައި އެ މުބާރާތުގައި ވާދަކުރި ކްލަބުތަކުގެ ތެރެއިން ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައިވާ ހަމައެކަނި ކްލަބަކީ ނިއުއެވެ. އެ މުބާރާތުގެ ސެމީފައިނަލާއި ހަމައަށް ދަތުރު ކުރުމުގެ އިތުރުން ނިއު ވަނީ ވޭތުވެ ދިޔަ ތިން އަހަރު ޖެހިޖެހިގެން ރާއްޖޭގެ ދިވެހި ލީގާއި ގައުމީ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.