21 Dec 2014, 16:17
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ބޭންކަށް ނެގި، ބ. ފޮނިމަގޫދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ރީތި ބީޗު ރިސޯޓާއި ރިސޯޓަކަށް ހަދަން ފަށާފައިވާ މަހައްދޫ ވިއްކާލަން ބީއެމްއެލް އިން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައި ވެސް އެ ދެ ރަށް ވިއްކާލުމަށް ބީލުމަށް ލައިފަ އެވެ. އަލުން އިއުލާންކޮށްފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 120 ކޮޓަރީގެ ރީތި ބީޗު ރިސޯޓާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފަށާފައިވާ 87 ކޮޓަރީގެ މަހައްދޫ އައިލެންޑް ގަންނަން ޝައުގުވެރިވާ، ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޑިއާރްޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެންބަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ފުނައްޑޫގައި ހިންގަމުން އަންނަ މަސްފެކްޓްރީ އާއި ރީތި ބީޗު އަދި މަހައްދޫ ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން ނިންމާފައި މިވަނީ އެ ކުންފުނިން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ތަންތަން ބޭންކަށް ނެގުމަށް ފަހު އެވެ.
އެދެ ރަށް ވިއްކާލުމުގެ ކަންތައްތައް ކުރިޔަށް ގެންދަން ހަވާލުކޮށްފައި ވަނީ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ސިންގަޕޫރުގެ ޖޯން ލޭންގް ލަސެލްސް(ޖޭއެލްއެލް) އާއެވެ.
އެއިއުލާންގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާ ހަވާލާދީ ބުނެފައި ވަނީ އެދެ ރަށް ވިއްކާލުމުގެ މުއާމަލާތައް ޖޯން ލޭންގް ލަސެސުލް ހަމަޖައްސާފައި ވަނީ ބައެއް ފަރާތްތަކުގެ ލަފާގެ މަތިން ވީހާ ވެސް ފަސޭހަކަމާ އެކު މުއާމަލާތްކޮށް އަދި ހާމަކަން ބޮޑުކޮށް ބިޑިން ޕްރޮސެސް ކުރިޔަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަން ކަމަށެވެ.
ފުނައްޑޫގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ނެގީ 117 މިލިއަން ރުފިޔާ ނުދައްކައިގެން އަދި އިންޓަރެސްޓާ އެކު ބޭންކަށް ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އެރުމުން ބޭންކުން ވަނީ އެ ތަންތަންތަން މިދިޔަ އަހަރުގެ ކުރީކޮޅު ބޭންކަށް ނަގައިފަ އެވެ.