21 Dec 2014, 15:33
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ލ.ރީޖަނަލް އޮފީހުގެ ކުރީގެ މެނޭޖަރެއްގެ މަގާމުގައި ހުއްޓައި އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ދިނުމެއް ނެތި މަގާމު ދައްކުރި މުވައްޒަފަށް ކުރިން އޭނާ ހުރި މަގާމު އަލުން ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ލ. ރީޖަނަލް އޮފީހުގެ މެނޭޖަރެއްގެ މަގާމުގައި ހުރި ލ. ގަން ތުނޑި ފޮތިވެލި އަހުމަދު ފަހީމުގެ މަގާމު ދަށްކޮށް އެސިސްޓެންޓު މެނޭޖަރަކަށް ބަދަލުކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުމުގައި ބުނެފައި ވަނީ ފަހީމް ކުރިން ހުރި މެނޭޖަރުގެ މަގާމު އޭނާ އަށް ރުޖޫއަކޮށްދިނުމަށެވެ. އަދި ފަހީމްގެ މަގާމު ދައްކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ފެނަކަ ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފެނަކައިން ބުނެފައިވީ ނަމަވެސް އެކަން އެ ކޯޕަރޭޝަނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުމުގައިވެ އެވެ.
އެހެންކަމުން މެނޭޖަރެއްގެ މަގާމުގައި ހުއްޓައި ފަހީމުގެ މަގާމު ދައްކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ބެއްލެވި މަޖިލީހުގެ އިއްތިފާގުން ވަނީ ނިންމާފައި އެވެ.
މީގެ އިތުރުން ފަހީމްގެ މަގާމް ދަށްކުރި ދުވަހުން ފެށިގެން މަގާމު އިއާދަކުރާ ދުވަހާ ހަމައަށް ރީޖަނަލް މެނޭޖަރުގެ މުސާރައާއި އިނާޔަތްތައް އެސިސްޓެންޓު މެނޭޖަރެއްގެ މުސާރަ އާއި އިނާޔަތްތަކަށް ދެވުނު ފައިސާ އުނިކުރުމަށް ފަހު ޖެހޭ މިންވަރު މިއަދުން ފެށިގެން ދިހަ ދުވަހުގެ ތެރޭގައި ދިނުމަށް ޓްރައިބިއުލުން ވަނީ ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.