އިންޑިއާގެ ގައުމީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހޯދުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ތެރެއިން ހަތަރު ޗީފް އިންސްޕެކްޓަރަކަށް ލިބިއްޖެ އެވެ.

އެއް އަހަރުގެ މި ތަމްރީން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ހަތަރު ޗީފް އިންސްޕެކްޓަރުންނަކީ ހުސައިން އަލިމަނިކާއި މުހައްމަދު ފަސީލާއި ޝާމް މުހައްމަދު އަދި ޑރ. މުހައްމަދު ފަޒްނީން ލަތީފު އެވެ. އެ ހަތަރު ބޭފުޅުން މިހާރު ވަނީ އިންޑިއާ އަށް ފުރާވަޑައިގެންފަ އެވެ. އަދި އެތަމްރީނު ކޯހާ ގުޅޭ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށް އިންޑިއަން ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން ބުނީ ހައިދަރުއާބާދުގައި ހުންނަ ޕޮލިސް އެކަޑެމީން ހިންގި މީގެ އިތުރު ޓްރޭނިން ޕްރޮގްރާމު ތަކެއްގައި ވެސް ދިވެހި ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިހާރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުންގެ ދާއިރާގެ އިތުރުން، ތަފާތު އެކި ދާއިރާތަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އިންޑިއާ އިން ފޯރުކޮށްދެމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޮގޮތުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެ ފުރުސަތު ފޯރުކޮށްދެމުންދާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ވެސް ހިމެނެ އެވެ.