21 Dec 2014, 15:02
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ އެމްޑީޕީގެ ހަ މެމްބަރުންގެ މައްސަލަ ބަލައި އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީ އަށް ޖަވާބްދާރީވެވަޑައިނުގަތީ ޕާޓީގެ މަސްލަހަތަށް ޓަކައި ކަަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވެއްޖެ އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ވިޕްލައިނާ ހިލާފްވި ކަަމަށް ބުނާ މައްސަލަ ބަލަމުންދާނީ އުސޫލާ ހިލާފަށް ކަމަށެވެ. އެހެން ކަމުން އުސޫލުން ބޭރުން ބަލަމުންދާ މައްސަލައަކަށް ކޮމެޓީގައި ޖަވާބްދާރީވެވަޑައިގެންފި ނަމަ ދެކެވޭ ވާހަކައަކުން ޕާޓީ ތެރޭގައި މައްސަލަތަކެއް އުފެދިގެން ދިއުމަކީ ވެދާނެ ކަމެއް ކަަމަށް ފެންނާތީ ޖަވާބްދާރީ ނުވީ ކަމަށެވެ.
"އަޅުގަނޑު ކޮމެޓީ އަށް ޖަވާބްދާރީނުވީ ޕާޓީގެ މަސްލަހަތަށް ތަކައި. އެނެމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުން ބޭރުން. އެހެން ކަމުން އުސޫލުން ބޭރުން ބަލަމުންދާ މައްސަލައެއްގައި ކޮމެޓީގައި އަޅުގަނޑަށް ދެކެވޭ ވާހަކައަކުން ޕާޓީގެ އެތެރޭގައި އެއް ވެސް މައްސަލަތަކެއް ޖެހޭކަށް އަޅުގަނޑު ބޭނުމެއްނުވޭ. އެހެންވީމަ އަޅުގަނޑު ކޮމެޓީ އަށް ޖަވާބްދާރީނުވީ" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ވިޕްލައިނާ ހިލާފްވި ކަމަށް ބުނާ މައްސަލަ ފުރަތަމަ ވެސް ގައުމީ މަޖިލީހަށް ހުށަހެޅުމަކީ އުސޫލުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކެން އެގޮތަށް ކުރެއްވީ "ސީދާ ޕާޓީގެ ރައީސް ބޭނުންފުޅުވެވަޑައިގެން ކަމަށް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރިން ކުރައްވާފައިވާ މޫސާ މަނިކު ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތައް ބެލުމަށް ޓަކައި ޕާޓީ ތެރޭގައި ގުނަވަންތަކެއް އެކުލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮމެޓީ އަށް މައްސަލަ ނުފޮނުވައި ސީދާ ގައުމީ މަޖިލީހަށް މައްސަލަ ހުށަހެޅުމަކީ މެންބަރުންގެ މެދުގައި ފަޟީހަތް ކުރުމަށް ކުރި ކަމެއް ކަމަށެވެ. އެހެންކަމުން އިތުރަށް ދޭނެ ޖަވާބެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ އިތުރަށް ވިދާޅުވީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މައްސަލައެއް އެންމެ ފުރަތަމަ ބަލަން ޖެހޭނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށާއި އެއީ ކުރިން ވެސް އަމަލުކޮށްފައިވާ ގޮތް ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ދެ ފަނޑިޔާރުން ދުރުކުރަން ނެގި ވޯޓުގެ މައްސަލާގައި ޕާޓީން ނިންމާ ކޮންމެ ނިންމުމެއް ވެސް އިޙްތިރާމާ އެކު ބަލައިގަންނާނެ ކަމަށެވެ.