21 Dec 2014, 14:50
ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސޮއޭޝަން (އެމްބީއޭ)ގެ 2013 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު، އެމްބީއޭގެ މަސައްކަތްތައް ހިންގާނެ ދާއިމީ އޮފީހެއް އަދިވެސް ވަނީ އެ އެސޯސިއޭޝަނަށް ލިބޭގޮތް ނުވެފަ އެވެ.
'ސަން' އަށް މައުލޫމާތު ދެމުން އެމްބީއޭގެ އިސް އޮފިޝަލަކު ވިދާޅުވީ އެމްބީއޭގެ ގަވައިދު ބުނާ ގޮތުން 2013 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި އަހަރުގެ މާޗް މަހުގެ ކުރިން ބާއްވަން ޖެހެ އެވެ. ނަމަވެސް އެ ޖަލްސާ ލަސްވެގެން ގޮސްފައި ވަނީ އެމްބީއޭގެ މަސައްކަތްތަށް ކުރިއަށް ގެންދާނެ ތަނެއް ހަމަޖެހުން ލަސްވެގެން ދިޔުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮފީސް ކުރިން ހިންގަމުން ގެންދިޔައީ އެކުވެނީގައި. ނަމަވެސް އެތަނުގެ ޝީޓުން ބައެއް ވެއްޓުމުން އެ އޮފީސް ބަންދުކުރަން ޖެހުނީ. އެ ހާދިސާއަށް ފަހު ވަގުތީ ގޮތުންވެސް އަޅުގަނޑުމެނަށް އެސޯސިއޭޝަންގެ ކަންކަން ހިންގުމަށް ތަނެއް ލިބިފައި ވަނީ މީގެ ދެތިން މަސް ކުރިން. އެ ސަބަބައްޓަކާ އަހަރީ އާންމު ޖަލްސާ ލަސްވެގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްބީއޭގެ މަސައްކަތްތަށް ކުރިއަށް ގެންދަން ވަގުތީ ގޮތުން ޒުވާނުންގެ މަރުކަޒުން މިހާރު އެ އެސޯސިއޭޝަނަށް ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ގެންނަން ޔޫތު މިނިސްޓްރީގައި އެދިފައި ވާނޭ ކަމަށާއި، އެ މިނިސްޓްރީން އެކަން ހައްލު ކޮށްދޭނެ ކަމަށް ބުނެފައިވާ އިރު، އެކަމަށް ވަކި ތާރީހެއް ދެއްވާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން ވިދާޅުވީ އެމްބީއޭ އަށް ދިމާވެފައިވަ އެ ދަތިކަމަށް ހައްލެއް ގެންނަން އެ މިނިސްޓްރީން ވަރަށް ބޭނުން ކަމަށާއި، ނަމަވެސް މާލޭގައި މިހާރު ކުރިއަށް ގެންދާ ކުޅިވަރުތައް ގިނަވުމުން، މިނިސްޓްރީއަށްވެސް އެކަމަށް އަވަސް ހައްލެއް ގެންނަން ދަތިވެފައި ވާކަމަށެވެ.
"މާލޭގައި މިހާރު ހިންގަމުންދާ ބައެއް އެސޯސިއޭޝަންތަކަށް ތަނުގެ ދަތިކަން ހުރިކަން އަޅުގަނޑުމެނަށް ފާހަގަވޭ. އެކަންކަމަށް ހައްލެއް ގެންނަން މިނިސްޓްރީ އަށް މިހާރު ދަތިވެފައި ވަނީ މާލޭގައި އެހާ ގިނަ ކުޅިވަރުތައް ކުޅޭއިރު، އެ ހުރިހާ ކުޅިވަރެއް އެކޮމޮޑޭޓް ކުރާނެ ތަނުގެ ދަތިކަން މިނިސްޓްރީއަށް ވެސް ކުރިމަތިވެފައި ވާތީ. މިހާރު އެކުވެނި ވެސް ވަނީ މަރާމާތަށްޓަކާ ތަޅާލެވިފައި. ނަމަވެސް އެ ސަރަހައްދުގައި އަޅުގަނޑުމެން ގާއިމްކުރަން ނިންމާފައިވާ ސްޕޯޓްސް ކޮންޕްލެކްސް އަންނަ އަހަރުގެ ކުރީކޮޅު، ނޫނީ މެދެއްހާ ހިސާބު ނިމުމުން އެކަމަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ. އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ އެމްބީއޭއަށް ވެސް އެ ކޮންޕްލެކްސްއިން ދާއިމީ އޮފީހެއް ހަމަޖައްސަދިނުން،" ޔޫތު މިނިސްޓްރީން ވިދާޅުވި އެވެ.
އެމްބީއޭގެ އަހަރީ އާންމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް މިހާރު ފައިނަލް ކޮށްފައިވާ އިރު، އެ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގަ އެވެ. އަދި އެ ޖަލްސާގައި މެންބަރު ކްލަބުތަކުން ދެ މެންބަރަކަށް ބައިވެރި ވެވޭ ގޮތަށް ހަމަޖައްސާފައިވާ އިރު، އެ ޖަލްސާގައި ބައިވެރި ވާނެ މެންބަރުންގެ ނަންތައް ވޯޓުލާން ޖެހިއްޖެ ހާލަތެއްގައި ވޯޓު ލާނެ މެންބަރު އެނގޭނެ ފަދަ ގޮތަކަށް އެމްބީއޭއަށް ހުށައަޅަން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވާ ބުދަ ދުވަހެވެ.