03 Feb 2011, 08:34
މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކަކީ ޖެހިލުންވެ ވަޑައިނުގަންނަވާ، ވިސްނުންތޫނު އާދަޔާ ޚިލާފު ވަރުގަދަ ޢަސްކަރީ ޝަޚްސިއްޔަތެއް ބާވައެވެ؟ ނޫނީ އޭނާއަކީ ސިޔާސީ އުކުޅުތަކާއި ޓްރިކްތައް ހައްދަވާ ހަރުދަނާކަމެއްނެތް ޝަޚްސިއްޔަތެއް ބާވައެވެ؟
މުބާރަކަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި އޭނާއަކީ ކުރިންމިދެންނެވި ބާވަތުގެ ހަރުދަނާ ކެރިޒްމާތަކެއްގެ ވެރި ބޭފުޅެކެވެ. ނަމަވެސް މިސްރުގެ އިދިކޮޅުފަރާތްތަކުން ތަހްލީލުކުރާ ގޮތުގައި މުބާރަކަކީ ވެރިކަމުގެ ބޭނުމުގައި ސިޔާސީ އުކުޅުތައް ހައްދަވާ އަމިއްލަ އެދުމުގެ ބޭފުޅެކެވެ.
"މިއީ މިސްރު ކޮންމެ މީހެއްގެ ވަތަންފަދައިން އަހަރެންގެވެސް ވަތަން. އަހަރެން އުފަންވެ ބޮޑުވެ ދިރިއުޅެ އަދި އެތަނެއްގެ ދިފާޢުގައި އަހަރެން ޖިހާދުކުރަނީ މިވަތަނަށްޓަކައި. އަދި އަހަރެން ދިފާޢުކުރަނީ މިވަތަނުގެ ބިމާއި ސިޔާދަތާއި މަސްލަހަތު. އަދި އަހަރެން މަރުވެދާނީވެސް މިވަތަންގައި" އިއްޔެ ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި މުބާރަކް ވިދާޅުވެފައިވެއެވެ.
މިޚިތާބުގައިި މުބާރަކް ދެއްވި މެސެޖަކީ ވެރިކަން ދޫކުރައްވާފައި ޤައުމުން ބޭރަށް ވަޑައިނުގަންނަވާނެ ކަމާއި އަމިއްލައަށް އަރުވާލެވިގެން ބޭރުޤައުމެއްގައި ހަޔާތުގެ ބާކީދުވަސްތައް ހޭދަނުކުރައްވާނެ ކަމެވެ. ނަމަވެސް މުބާރަކްގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރިއަރަމުންގެންދާ މިދަނޑިވަޅުގައި އޭނާގެ ކުރީގެ ހަރުކަށިކަން ފެންނާކަށް ނެތެވެ. ރައްޔިތުންގެ މިއުތުރިއެރުމާއެކު މުބާރަކްގެ ވެރިކަމާދެކޮޅަށް ތެދުވުމުގެ ހައްޤު ރައްޔިތުންނަށް ލިބިގެންވާ ކަމަށް ފުރަތަމަ ފަހަރަށް އޭނާ ޤަބޫލުކުރެއްވިއެވެ. އަދި 30 އަހަރަށްފަހު ނައިބު ރައީސް ކަމުގެ މަޤާމަށްވެސް ބޭފުޅަކު ޢައްޔަންކުރެއްވުމާއި ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެކަމަށް ވިދާޅުވުމާއި ރައްޔިތުން ބޭނުންވާ ސިޔާސީ އިސްލާހްތައް ޤައުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ މުބާރަކްގެ ބަލިކަށިކަން ހާމަވެގެންދިޔަ ކަމެކެވެ.
މިއީ މުބާރަކް ކުރައްވާނެ ކަމަށް ކުރިން ޚިޔާލުވެސް ކުރެވިފައިނުވާ ކަންތައްތަކެވެ. މުބާރަކާ ދެކޮޅަށް އުތުރިއަރާ ރައްޔިތުން ފުރަތަމަ ގޮވާލީ މިސްރަށް ސިޔާސީ އިސްލާޙްތައް ގެނައުމަށެވެ. އެއަށްފަހު މުބާރަކްގެ ވެރިކަން ވައްޓާލުމަށެވެ. އެއަށްފަހު މުބާރަކް ޤައުމުން ބޭރުކޮށްލުމަށާއި އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށާ އަދި އެންމެފަހުން މުބާރަކް ދަންޖައްސައި މެރުމަށެވެ. އަދި މުބާރަކް ބިނާކޮށްފައިވާ ބިރުދެއްކުމުގެ މަޢްނަވީ ފާރު ފުނޑުފުނޑުވެ ރައްޔިތުންގެ ބިރުފިލައިގެން ދިޔައެވެ.
ހަރުކަށިކަމާއެކު ކުރިން މުބާރަކް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިސްރުގައި ހަމަޖެހުން އޮންނާނީ އޭނާ ވެރިކަމުގައި ހުންނަވައިގެން ކަމުގައެވެ. އޭނާއަކީ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންހުންނެވި ބޭފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ އޭނާގެ ޕާޓީއަށްކަމަށް ވިދާޅުވެ ބޮޑާކަމާއެކު މުބާރަކް ދެއްކެވި ވާހަކަތައް އިއްޔެގެ ޚިތާބުގައި ތަކުރާރު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ހަޤީޤަތަކީ ދުވަހަކުވެސް މިސްރުގައި ނުއުފެދޭފަދަ ހަމަނުޖެހުންތަކެއް މުބާރަކުގެ ވެރިކަމުގައި މިސްރުގައި އުފެދިގެން ދިޔަކަމެވެ.
ތަހްލީލީ ނަޒަރަކުން މުބާރަކް ސިފަކުރެވެނީ ވެރިކަން ދެމެހެއްޓެވުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރައްވަފާނެ އަމިއްލަ އެދުންފުޅުބޮޑު ބޭފުޅެއްގެ ގޮތުގައިެވެ. އެހެންކަމުން އޭނާ ވެރިކަމުގައި ހުންނަވައިގެން މިސްރަށް ސިޔާސީ އިސްލާޙްތައް ގެނައުމަކީ ބޭކާރުކަމެއް ކަމަށް މިސްރުގެ އިދިކޮޅުފަރާތްތަކުން ސިފަކުރެއެވެ. މުބާރަކްގެ ވެރިކަމާދެކޮޅަށް މިލިޔަނުން މީހުން ނުކުތުމާއެކު މިކަން ހުއްޓުވުމުގައި އޭނާ ނާކާމިޔާބުވެ ވަޑައިގަތުމުން މިހާރު ދައްކަވަން ފެއްޓެވި ވާހަކައަކީ ދެން އިތުރު ރިޔާސީ ދައުރަކަށް ކުރިމަތިނުލައްވާނެ ވާހަކައެވެ. މިއީވެސް ފަހަތައް ޖެހިވަޑައިގަތުމެކެވެ.
މުބާރަކްގެ ވެރިކަމުގައި މިސްރުވަނީ އެމެރިކާގެ އެހީގައި ދިރިއުޅޭ ޤައުމަކަށް ބަދަލުވެފައެެވެ. މުބާރަކްގެ ވެރިކަމުގައި އެވްރެޖްކޮށް މިސްރުގެ އިޤްތިސާދު ކުރިޔަށްގޮސްފައިވަނީ އަހަރަކު 4ޕަސެންޓް ގައެވެ. ނަމަވެސް މިކަން މިސްރު ރައްޔިތުންގެ ދިރިއުޅުމަކުން ފެންނާކަށް ނެތެވެ. މުބާރަކްގެ ވެރިކަމުގައި ވަޒީފާނެތް ޒުވާނުންގެ ޢަދަދުވަނީ ދެގުނަ މައްޗަށް ގޮސްފައެވެ. ޢަރަބި ޤައުމީ މަސްލަޙަތަށްބަލާއިރު މުބާރަކްގެ ވެރިކަމުގައި ފަލަސްތީނުގެ މައްސަލައަށް ކުޑަވެސް ހައްލެއް ހޯދައިދެވިފައެއްނުވެއެވެ. އެބުނާ ސުލްހައަކުން ފަލަސްތީނަށް ވީއެއްވެސް ކަމެއްނެތެވެ. އަދި ބައެއްފަހަރު ފަލަސްތީނުގެ ރައްޔިތުންނަށްވުރެ އިސްރާއީލުގެ މަސްލަޙަތަށް މުބާރަކް އިސްކަންދެއްވާ މަންޒަރުވެސް ފެނެއެވެ.
މުބާރަކް ހީކުރެއްވީ އޭނާގެ ވެރިކަމަށް އެންމެބޮޑު ނުރައްކަލެއް ކުރިމަތިވާނީ މިސްރުގެ އިސްލާމީ ޚިޔާލުގެ މީހުންގެ ފަރާތުން ކަމުގައެވެ. ނަމަވެސް ކަންތައްދިޔައީ މިއާދިމާ އިދިކޮޅަށެވެ. މުބާރަކްގެ ވެރިކަން ވައްޓާލައި އޭނާ ދަންޖައްސައި މެރުމަށް ގޮވާލަނީ މިސްރުގެ ޢާންމު ރައްޔިތުންނެވެ. އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކަކުން ނޫނެވެ.
ޢިރާޤަށްބަލާއިރު، ޢިރާޤަށް އެމެރިކާ އަރައިގަތުމާ ދެކޮޅަށް މުބާރަކް ވާހަކަދެއްކެވި ނަމަވެސް މިކަމުގައި ސިއްރިޔާތުގައި މުބާރަކްގެ ސަރުކާރުން އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ޣައްޒާގެ ރައްޔިތުންނާ ދެޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކުގައިވެސް މުބާރަކް ބައިވެރިވެޑައިގެން ޣައްޒާގެ ރައްޔިތުންނަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިވެއެވެ. އަދި ހަމާސްގެ ދިމުޤްރާތީ ސަރުކާރު ވައްޓާލުމުގައި އެމެިރކާއާ ގުޅިގެން މުޑުދާރު ޢަމަލުތަކެއް މުބާރަކް ހިންގަވާފައިވެއެވެ. ޢިރާޤުން އިރާނާދެކޮޅަށް ކުރި 8 އަހަރުގެ ހަނގުރާމައިގާ މުބާރަކް ބައިވެރިވެ ވަޑައިގެން އީރާނުގެ އިސްލާމީ އިންްިލާބު ނައްތާލުމަށް މުސްލިމުންގެ ދުޝްމަނުންނާއެކު މުބާރަކް މަސައްކަތް ކުރައްވާފައިވެއެވެ.
ދެންއޮތީ މުބާރަކްގެ ޢަސްކަރީ ހަޔާތުގެވާހަކައެވެ. ޢަސްކަރީ ހަޔާތުގައި އޭނާ އަމިއްލައަށް ރާވައިގެން ހޯއްދެވި ކާމިބީއެއް ފެންނާކަށް ނެތެވެ. ހޯދިފައިވާ ކާމިޔާބީއެއްވާނަމަ އެކަން ކުރެވިފައިވަނީ އެހެން ފަރާތެއްގެ ކޮމާންޑަރު ކަމުގެ ދަށުގައެވެ. މުބާރަކްގެ ވެރިކަމުގައި މިސްރުގެ ދަރަނީގެ ތެރެއިން 20 ބިލިޔަން އެމެރިކާ ޑޮަލަރު ކަނޑާލެވިފައިވީނަމަވެސް އަށްޑިހަ މިލިޔަން ޑޮލަރަށްވުރެ ބޮޑު އިތުރު ދަރަންޏެއް މިސްރުގެ ބޮލުގައި އެޅިފައިި ވެއެވެ. މިހުރިހާ ކަމެއް ތަހްލީލްކުރާއިރު މުބާރަކްގެ ކިބައިން ފެންނަނީ އެންމެ މަންޒަރެކެވެ. އެެއީ އަމިއްލައެދުމާއި ވެރިކަމުގެ ދަހިވެތިކަމަށްޓަކައި ހުޅަނގުގެ އެޖެންޓަކަށް ވެވަޑައިގެންފައިވާ މަންޒަރެވެ.