21 Dec 2014, 11:22
ގއ. ކަނޑުހުޅުދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 18 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ ގއ. އަތޮޅު ފެރީއިން ކަނޑުހުޅުދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާގުޅިގެން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓޭލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ މެންދުރު ފަހު 2:00 އެހައިކަންހާއިރު ގއ. އަތޮޅު ފެރީގައި ހުއްޓައި ކަމަށެވެ.
އެ ފެރީގެ ދިރުނބާކޮޅުގެ ފަލުކާއެއްގެ ތެރެއަށް އޭނާ އެއްޗެހިތަކެއް ވައްޓާލުމުން ފުލުހުން އެތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އެއް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.