21 Dec 2014, 11:05
ދުނިޔޭގެ ބައްރުތަކުގެ އެންމެ މޮޅު ޓީމުތަކުގެ މެދުގައި ކުޅެވޭ ފީފާ ކްލަބް ވޯލްޑް ކަޕް ޔޫރަޕްގެ މިދިޔަ ސީސަންގެ ޗެންޕިއަން ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ.
ރެއާލް މުބާރާތުގެ ތަށި އުފުލާލީ ރޭ މޮރޮކޯގެ މައްރަކާޝް ސްޓޭޑިއަމްގައި ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ސެން ލޮރެންޒޯއާ ބައްދަލުކޮށް، އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކޮށްފައި ވަނީ ރެއާލް އެވެ. މެޗުގެ ފުރަތަމަ ކޮޅުވެސް ގިނަ ހަމަލާތަކެއް އުފެއްދި ރެއާލްއަށް މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވުނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ޓޯނީ ކްރޫސް ނަގައިދިން ރީތި ބޯޅައެއް ބޮލުން ޖަހައި ސެން ލޮރެންޒޯގެ ގޯލް ތެރެއަށް ފޮނުވާލައި، ރެއާލްއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސާޖިއޯ ރާމޮސް އެވެ.
މެޗުގައި ރެއާލްގެ ދެވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގައެވެ. ދެވަނަ ހާފް ފެށިތާ ހަ މިނެޓުތެރޭ ރެއާލްއަށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ، މެޗުގައި އިތުރަށް އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ގެރެތް ބޭލް އެވެ. ރެއާލްގެ ދެވަނަ ލަނޑާއެކު ސެން ލޮރެންޒޯ ކުރިއަށް ޖެހިލައި، ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ނަތީޖާއަށް އިތުރު ބަދަލުތަކެއް ގެނެވޭ ގޮތް ނުވެފައެވެ.
ރޭގެ ކާމިޔާބީއާއެކު ރެއާލް ވަނީ މިހާތަނަށް މި ސީސަންގެ ހުރިހާ މުބާރާތެއްގައި އެ ޓީމް އެންމެ ފަހުން ކުޅުނު ހުރުހިހާ މުބާރާތެއްގެ 22 މެޗު ކާމިޔާބު ކޮށް، ދުނިޔޭގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުތައް ކާމިޔާބު ކުރި ޓީމް ކަމަށްވާ ބްރެޒިލްގެ ކުއަރިޓިބާގެ ރެކޯޑާ ދެ ލަނޑު ގާތަށް ޖެހިލާފައެވެ. ކުއަރިޓިބާ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުން މޭ މަހަށް ވަނީ އެ ޓީމް ކުޅުނު ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 24 މެޗު ކާމިޔާބު ކޮށްފައެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުވެސް ރޭ ވަނީ ކުޅެފައެވެ. އެ މެޗުގައި ބައްދަލުކުރީ ނިއުޒިލެންޑުގެ އޮކްލޭންޑް ސިޓީ އާއި މެކްސިކޯގެ ކްރޫޒް އަޒުލް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެ މެޗުގެ ނަތީޖާ އެއްވަރުވެފައި ވުމުން، އެ މެޗުގެ ނަތިޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިންނެވެ. ޕެނަލްޓީ ޖަހައިން އެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮކްލޭންޑް ސިޓީ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕަކީ ދުނިޔޭގެ ހަ ބައްރުގެ ފުޓްބޯޅަ ކޮންފެޑަރޭޝަންތަކުން ކޮންމެ ބައްރެއްގައިވެސް ކުރިއަށް ގެންދާ ޗެންޕިއަންސް ލީގު ކާމިޔާބު ކުރާ ޓީމުތަކުގެ މެދުގައި ކުޅެވޭ މުބާރާތެކެވެ. އެ މުބާރާތް އިންތިޒާމް ކުރެވިފައި ވާގޮތުން މުބާރާތް ބާއްވާ ގައުމުގެ ޓީމަކަށްވެސް އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އޮވެއެވެ.
މިއަހަރު މޮރޮކޯގައި ކުރިއަށް ގެންދިޔަ ކްލަބް ވޯލްޑް ކަޕްގައި އެ ގައުމުގެ ފަރާތުން މުބާރާތުގައި ވާދަކުރި ކްލަބަކީ މޮޚްރެބް ޓެޓުއަން އެވެ. އަދި ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ފަރާތުން އެ މުބާރާތުގައި އާޖެންޓީނާގެ ކްލަބް ސެން ލޮރެންޒޮ ވާދަކޮށްފައި ވާއިރު، އުތުރު އެމެރިކަގެ ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ފަރާތުން އެ މުބާރާތުގައި ވާދަކޮށްފައި ވަނީ މެކްސިކޯގެ ކްލަބް ކްރޫޒް އަޒޫލް އެވެ. ޔޫރަޕްގެ ޔޫއެފާއިން ސްޕެއިންގެ ރެއާލް މެޑްރިޑާއި އޭޝައާގެ އޭއެފްސީން އޮސްޓްރޭލިއާގެ ސިޑްނީ ވޮންޑަރާސްވެސް އެ މުބާރާތުގައި މިފަހަރު ވާދަކޮށްފައި ވާއިރު، ދެން އެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އޯޝޭނިއާގެ ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ފަރާތުން ނިއުޒިލޭންޑުގެ ކްލަބް އޯކްލޭންޑް ސިޓީ އާއި އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަންގެ ފަރާތުން އަލްޖީރިއާގެ ކްލަބް އީއެސް ސެޓީފް އެވެ.