ޤާހިރާ: ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި މިސްރުގެ ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ރައީސް ޙުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް ރެޔާދުވާލު މަގުތަކަށް ނުކުމެ އެތަށް މިލިޔަން ބަޔަކު ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކާ ގުޅިގެން މިއަދު ދެއްވި ޚިތާބެއްގައި އޭނާ ވިދާޅުވީ މިހާރުގެ ރިޔާސީ ދައުރު ނިމުމުން ރައީސް މަޤާމުން ވަކިވެވަޑައިގަންނަވާނެ ކަމަށާއި ރިޔާސީ ދައުރު ނިމެން މިއޮތް މަދު މަސްތަކުގައި މިސްރުގެ ވެރިކަން ދިމުޤްރާތީ އުސޫލުން ރައްޔިތުން ބޭނުންވާ ފަރާތަކާ ޙަވާލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ. މިކަމަށްޓަކައި މިސްރުގެ ދަސްތޫރަށް ދިމުޤްރާތީ އިސްލާޙުތައް ގެނަސް ފުރިހަމަ ޑިމޮކްރަސީއެއް މިސްރުގައި ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް މުބާރަކް ވިދާޅުވިއެވެ.

މުބާރަކް މިހާރު އަދާކުރަމުން ގެންދާ ރިޔާސީ ދައުރު ފުރިހަމަވެގެން ރިޔާސީ އާ އިންތިޚާބެއް ބޭއްވޭނީ އަންނަ ސެޕްޓެމްބަރ މަހުގައެވެ. އުމުރުން 82 އަހަރުގެ މުބާރަކް ވިދާޅުވީ އޭނާގެ ވެރިކަންކުރެއްވީ މަޤާމާއި ޖާހާއި ޝަރަފުގެ ބޭނުމުގައި ނޫންކަމަށާއި ރައްޔިތުންނަށް ޚިދްމަތްކޮށް ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައި ދިނުމަށްޓަކައި ކަމުގައެވެ. އަދި މިސްރުގެ ރައްޔިތުން ބޭނުންވާ ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިހާރު އެމީހުންނަށް ދެވިފައިވާނެ ކަމަށާއި ރައްޔިތުންނަށް އަނިޔާކުރަން ބޭނުންނުވާ ކަމަށްވެސް މުބާރަކް ވިދާޅުވިއެވެ.

މުބާރަކް މިހެން ވިދާޅުވިއިރު އެނާގެ ވެރިކަމާ ދެކޮޅަށް މިސްރުގައި މީގެ އަށްދުވަސް ކުރިން ހިނގަމުންދާ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ސަތޭކައަށްވުރެ ގިނަމީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ. މުބާރަކްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާ ކުރަމުން ގެންދާ ރައްޔިތުންވަނީ އޭނާގެ މިޚިތާބަށް ދެކޮޅުހަދައި ވަގުތުން ވެރިކަމުން ފޭބުންނޫންގޮތެއް ޤަބޫލުނުކުރާނެކަމަށް ބުނެ އަޑުއުފުލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން މުބާރަކްގެ މިވާހަކަތައް އޭނާ ބިނާކުރައްވާފައިވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އޭނާއަށް ފޮނުއްވި ސިޓީފުޅެއްގައި ދެއްވާފައިވާ އިރުޝާދުތަކަށް ބިނާކުރައްވައިގެންނެވެ. ނަމަވެސް މިވާހަކަތައް ދައްކަވަން މިހާރު މާލަސްވެއްޖެ ކަމަށާއި މުބާރަކްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކެތްމަދުވެފައިވާ ރައްޔިތުން އޭނާގެ ވެރިކަން ވައްޓާނުލައި މަގުތަކާއި މައިދާންތަކުން ދެން ދުރަށްނުދާނެ ކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ)