20 Dec 2014, 23:26
ރާއްޖެއިން ކުނި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާލޭގެ ފެން ކުންފުންޏަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެން ކެނޑުމުން ބޭރު ގައުމުތަކުން މާލެއަށް ފޯރުކޮށްދިން ފެން ފުޅިތަށް ރިސައިކަލް ކުރުމަށް ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން "ޕްލާސްޓިކް ބޮޓުލްސް ރިސައިކަލިންގް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ އިތުރުން ނ. އަތޮޅުން ޖުމްލަ 45 ރަށެއްގައި އެކަށީގެންވާ ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް މިހާރު ތައާރަފުކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި "ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރެއް" ގާއިމް ކުރެވި ދުނިޔޭގެ ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
"މިކަންތަށް ސަރުކާރުން މިދަނީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަދި އިރާދަކުރެއްވިޔާ މިއަންނަ އަހަރު ތެރޭގައި އިތުރުދާއިރާތަކުގައި ވެސް އަޅުގަނޑުމެން މިކަހަލަ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަށް ގާއިމް ކުރުމުގެ މަސައްކަތްތަށް ފަށާނަން،" ތޯރިގު ވިދާޅުވިއެވެ.
މާލެ އޭރިއާއަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދުކަން ފާހަގަކުރައްވާ މިނިސްޓަރު ތޯރިގު ވިދާޅުވީ މިސަރަހައްދަކީ ވެސް ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ބޭނުންވެފަ އޮތް ސަރަހައްދެއްކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ތެރޭގައި މާލޭ ސަރަހައްދުގައި ވެސް ރަގަޅުގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މާލެ ސާފުތާހިރު ތަނެއްގެ ގޮތުގަތުގައި ބެހެއްޓުމާއި، އަދި ހުޅުމާލެއާ ވިލިމާލެވެސް ސާފުތާހިރު ތަނެއްގެ ގޮތުގަތުގައި ބެހެއްޓުމަށް ރަނގަޅު ވޭސްމެނޭޖްމެންޓް ޕްލޭނެއް ހެދި އެ ޕްލޭންގެ މަސައްކަތް މިހާރު މިދަނީ ކުރެވެމުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަންނަ އަހަރުގެ ކުރީ ކޮޅު މާލޭގެ ވޭސްޓް މެނޭޖްމެންޓް ޕްލޭންގެ މަސައްކަތްވެސް ނިމިގެން ގޮސް، އެމަސައްކަތްވެސް އަޅުގަނޑުމެން ލޯންޗްކުރެވޭ ވަރު ކުރާނަން،" ތޯރިގު ވިދާޅުވިއެވެ.
ކުނި ނައްތާލުމުގެ ގާވާއިދާ ޚިލާފު ވާ ފަރާތްތަށް ޖޫރިމާނާ ކުރުމަށް ބުނެފައި ވީ ނަމަވެސް ޖޫރިމަނާ ކުރުމަކީ އެންމެ ފަހުކަން ކަމުގައި ބަލާ، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އަދާކޮށް ރަގަޅުގޮތުގައި ކުނި ނައްތާލުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ތޯރިގު ވަނީ ގޮވާލައްވާފައެވެ.