ދަށު ކޯޓުތައް ހިންގަމުން ގެންދާ ޖަސްޓިސް ބިލްޑިންގައި ތަޅު އެޅުވުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށާއި ޕީޖީ އޮފީހަށް ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ހުށަހަޅައިފި އެވެ.

އެމައްސަލަ ކުށްވެރިކޮށް ޕީއޭގެ ވެބްސައިޓްގައި ބުނެފައި ވަނީ ދަށު ކޯޓުތައް ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިންގްގެ ބޭރު ދޮރުގައި ތަޅު އެޅުވި މައްސަލަ މުސްތަޤިއްލު ކަމާ އެކީ ތަހުގީގުކޮށް ދިނުމަށް ފުލުހުންނާއި ޕީޖީ އޮފީހުގެ ކިބައިން ރަސްމީކޮށް އެދިފައި ވާނެ ކަމަށެވެ. އަދި ބުނަނީ ފޭދޫދާއިރާގެ މެންބަރު އަލްހާން ފަހުމީ ޝަރުއީ ދާއިރާ އަށް އިންޒާރުދެއްވާފައިވަނިކޮށް ޖަސްޓިސް ބިލްޑިންގުގައި ޗޭނު ތަޅުއެޅުވުމަކީ އެމްޑީޕީން އެފަދަ އަމަލެއް ކޮށްފާނެ ކަމަށް ތުހުމަތު ކުރެވޭ ކަމެއް ކަމަށެވެ.

"ފޭދޫދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވި ވިދާޅުވުމާއި މުޒާހަރާ ކުރި މީހުންގެ ތެރެއިން ބަޔަކު ކޯޓްގައި ތަޅު އެޅުވުމާ ގުޅުމެއްވާކަމުގެ ތުހުމަތު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މި ޢަމަލަކީ ކަޑައެޅިގެން ޢަދުލް އިންސާފް ޤާއިމްކުރުމުގެ ނިންމުންތަކަށް ސީދާ ނުފޫޒު ފޯރުވުމާއި ފަނޑިޔާރުންނާއި ޤާޟީންނަށް ބިރުދެއްކުމުގެ ބޭނުމުގައި ހިންގަމުންދާ ޢަމަލެއް ކަމުގައި މި ޕާޓީން ޤާބޫލްކުރަމެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ވެސް ސަރުކާރު ހިންގާ ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ފަރާތްތަކާއި ސަޕޯޓަރުން މިފަދަ އެތައް ޢަމަލެއް ހިންގާފައިވާއިރު ވެސް ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށް މިކަން އައިސްފައިނުވާކަމީ މިޕާޓީން ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

"ޢަދުލު އިނަޞާފު ޤާއިމްކުރުމުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށާއި ޤާޟީންނަށް ބިރުދެއްކުމަށް މި ހިންގި ޢަމަލު މުސްތަޤިއްލުކަމާ އެކީ ތަޙްޤީޤް ކޮށްދިނުމަށް އެދި މޯލްޑިވުސް ޕޮލިސް ސާވިސް އަށާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މިޕާޓީން ވާނީ ރަސްމީ ސިޓީއަކުން އެދިފަ އެވެ،" ޕީއޭގެ ރަސްމީ ވެބްސައިޓްގައިވެ އެވެ.

އައްޑުއަތޮޅުގެ ބައެއް ރަށްރަށުގެ ކޯޓުތަކުގަ އާއި ޖަސްޓިސް ބިލްޑިންގުގައި ޗޭނު ތަޅު އެޅުވި މައްސަލަ ކުށްވެރިކުރުމަށް މިއަދު ގައުމީ ޕާޓީން ވެސް ވަނީ ނޫސްބަޔާނެއްނެރެފަ އެވެ. އެ ބަޔާނުގައި ބުނަނީ އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވެރިކަން ކުރާ އެމްޑީޕީން ހިންގި ފިޑި އަމަލެއްކަމަށެވެ. އަދި ބުނެފައި ވަނީ ގާނޫނާ ހިލާފަށް ކުރަމުން ގެންދާ އެފަދަ އަމަލުތަށް ހުއްޓުވަމުމަކީ ދިވެހި ސިފައިންނާއި ފުލުހުންގެ ގާނޫނީ އަދި ދުސްތޫރީ ވާޖިބެއް ކަމަށެވެ.

"ދިވެހި ފުލުހުންނާއި ސިފައިންނަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މާތްﷲ ގަންދީ ހުވާކޮށްފައިވާ ބަޔަކަށްވެފައި އަދި ގާނޫނާއި ހިލާފު އެއްވެސް އަމުރަކަށް ތަބާވާން ޖެހޭ ބަޔަކަށްނުވާތީވެ ރައީސް ނަޝީދު އިސްވެހުރެ އޭނާ ނިސްބަތްވާ ޕާޓީން ގާނޫނުއަސާސީއާއި ގާނޫނާއި ހިލާފަށް ހިންގާ މި ޖަރީމާތައް ހުއްޓުވުމަކީ ތިޔަބޭފުޅުންގެ ތުސްތޫރީ އަދި ގާނޫނީ ވާޖިބެއްކަމުގައި ވާތީވެ ފަނޑިޔާރުންނާއި ސަރުއީދާއިރާއަށް ބިރުދައްކާ ނުފޫޒު ފޯރުވުމަށް ކުރަމުންދާ އެންމެހާ މަސައްކަތްތައް ވަގުތުން ހުއްޓުވާ އެކަންހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ދިވެހި ގައުމީ ޕާޓީގެ ފަރާތުން ގޮވާލަމެވެ،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އައްޑޫ ކައުންސިލް އިންތިހާބު ފެބުރުއަރީ ފަސްވަނަ ދުވަހު ނުބާއްވާ ގޮތަށް ހަމަޖެއްސުމުން އެކަމާ ނުރުހުން ފާޅުކުރުމަށް ރޭ ހިތަދޫ ކޯޓު ކުރިމަތީގައި ބޭއްވި މުޒާހަރާގައި ފޭދޫދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަނީ އެއީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ވިދާޅުވެ ކޯޓުތަށް ނުހުޅުވޭނެ ކަމަށް ވިދާޅުވެ ޝަރުއީ ދާއިރާއަށް އިންޒާރު ދެއްވާފަ އެވެ.