20 Dec 2014, 20:39
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ވަރަށް އަވަހަށް މަޖިލީހަށް ހުށައަޅާނެ ކަމަށް ހީވާ ކަމަށެވެ.
"ވަރަށް އަވަހަށް އަޅުގަނޑަށް ހީވަނީ ބިލެއްގެ ސިފައިގައި މަޖިލީހަށް އެކަން ވަންނާނެ ކަމަށް. އެއީ ކޮންމެ ގޮތެއް ވިޔަސް އިސްލާހު ކުރަން ޖެހޭ ގާނޫނެއް ކަމަށް ހުރިހާ ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާ،" އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ރަށްރަށުގެ އާބާދީއާ އަޅާބަލާ އިރު އެރަށެއްގައި ތިބޭ ކައުންސިލަރުންގެ އަދަދު ގިނަ ކަން ފާހަކަކުރެވޭ ކަމަށެވެ. އަދި އެ ރަށްރަށުގެ ކައުންސިލަރުން ވެސް އެކަން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި މިއޮތީ އެބަހުއްޓޭ އުނދަގޫތަކެއް ކުރިމަތިވެފައި. ޚުދު ކައުންސިލަރުން ވެސް ފާހަގަކުރައްވާ އެރަށްރަށުގެ ރައްޔިތުން ވެސް ފާހަގަކުރައްވާ. ޕީޕީއެމްގެ ފަރާތުން މަޖިލީހުގައި ވާކާލާތު ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައި އެބަ ހުރި،" އާރިފް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށް ޕީޕީއެމްގެ ފަރާތުން ދައުލަތުގެ ބަޖެޓަށް ވެސް ހުށައެޅުންތަކެއް ހުށައަޅާފައިވާ ކަމަށާއި އެކަންކޮށްފައި ވަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން ލަފާހޯދުމަށް ފަހު ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ކަންތައްކުރަނީ "އެންމެ ހިތްގާއިމުކޮށް" ނޫންކަމަށެވެ. ސަރުކާރުން އެ ކައުންސިލްގެ ބޮޑެތި ބާރުތަކެއް މިނިސްޓްރީތަކަށް ބަދަލު ކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާރިފް ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.