ސަންޢާ : ރިޔާސީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ވިދާޅުވެއްޖެއެވެ. ސާލިޙްގެ ވެރިކަމުގެ ނިޒާމާދެކޮޅަށް ޔަމަންގެ ރައްޔިތުން ނުރުހުމާއި ނަފްރަތުގެ ޝުޢޫރުތައް އެކިިސިފަސިފާގައި ފާޅުކުރަމުންގެންދަނިކޮށް އޭނާ މިއަދު ވިދާޅުވީ މިހާރު ފުރިހަމަ ކުރަމުންގެންދާ ރިޔާސީ ދައުރު 2013 ވަނަ ހަމަވުމުން އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމުގައެވެ. އަދި ދަރިކަލުންނަށް ވެރިކަން ފުރޮޅާލުމަށްވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ސާލިޙް ވިދާޅުވިއެވެ.

ސާލިހްގެ ވެރިކަން މިހާރުވަނީ 34 އަހަރަށްވުރެވެސް ދިގުލާފައެވެ. އޭނާގެ ސަރުކާރުގެ އިސްމަޤާމުތަކުގައާއި ދައުލަތުގެ މުއައްސަސާތަކުގައި އެންމެ ގިނަވެފައި ބާރުގަދައީ އޭނާގެ ޢާއިލާގެ މެންބަރުންނެވެ. ޔަމަންގެ ހަތިޔާރުއެޅި ލަޝްކަރުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ޖުމްހޫރީ ގާޑުންގެ ކޮމާންޑަރަކީ ސާލިޙްގެ ފިރިހެން ދަރިފުޅު އަޙްމަދެވެ. މިއީ އެމެރިކާގެ ޢަސްކަރީ ތަޖްރިބާކާރުންގެ ބެއްލެވުމުގެ ދަށުން ތަމްރީންދެމުންގެންދާ ޔަމަންގެ އެންމެ ބާރުގަދަ ލަޝްކަރެވެ. މީގެއިތުރުން ޔަމަންގެ ސިފައިންގެ ލަޝްކަރުތަކުގެ އިސްމަޤާމްތަކުގައާއި ދައުލަތުގެ ނުފޫޒުގަދަ މަޤާމްތަކުގައި ގިނައިން ތިއްބެވީވެސް ރައީސް ސާލިޙްގެ ގާތްތިމާގެ ބޭފުޅުންނެވެ.

ޔަމަންގެ ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ އޭނާގެ ވެރިކަމާދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި މާދަމާ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައި ވަނިކޮށެވެ. ރިޔާސީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން މިއަދު ސާލިޙް އިޢްލާންކުރެއްވީ މާދަމާ ބޭއްވުމަށް ހަމަޖެިހިފައިވާ މުޒާހަރާތައް ފިނިކުރުމަށާއި އިދިކޮޅު ޝުޢޫރުތަކުގެ ސައިޒް ކުޑަކުރެއްވުމުގެ ބޭނުމުގައި ކަމަށް މުރާސިލުން ބުނެއެވެ.

ސާލިޙްގެ ވެރިކަމުގެ ނިޒާމަކީވެސް މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަމެކޭ އެއްގޮތަށް އެމެރިކާގެ ތާއީދާއި އެމެރިކާގެ އެހީތެރިކަން ލިބިފައިވާ ހަރުކަށި ނިޒާމެކެވެ. މިސްރުގެ ރައީސް މުބާރަކްވެސް މިއަދުވަނީ ރިޔާސީ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އޭނާގެ ވެރިކަން ވައްޓާލުމަށް ޢަޒުމް ކަނޑައަޅާފައިވާ މިސްރުގެ ރައްޔިތުންގެ ފަރާތުން އަޑުއުފުލި މީހުންވަނީ މުބާރަކްގެ ވެރިކަން ވަގުތުން ނިމުމަކަށް ގެނައުން ނޫންގޮތެއް ޤަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.