20 Dec 2014, 15:25
ވޮޝިންޓަން (ޑިސެމްބަރު 20): މި އަހަރަކީ އެމެރިކާއަށް ނުކުރެވިހުރި ބޮޑެތި ކަންތައްްތަކެއް ކުރެވުނު އަހަރެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ދެހާސް ސާދަ ވަނައަހަރު ތެރޭގައި އިގްތިސާދީ ގޮތުންނާއި ޢަސްކަރީ ގޮތުން އެމެރިކާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާ އެމެރިކާގެ އިގްތިސާދު ވަނީ ވަރަށް ރަނގަނޅު ޙާލަތެއްގައި ކަމުގައެވެ. ނަމަވެސް ދެހާސް ސާދަވަނައަހަރަކީ ގޮންޖެހުންތަކެއްވެސް ކުރިމަތިވި އަހަރެއްކަމަށް އޮބާމާ ސިފަކުރެއްވިއެވެ.
މުރާސިލުން ބުނާގޮތުގައި އޮބާމާގެ ވެރިކަމުގައި އޭނާ ގެ ސަރުކާރުން ޙާސިލް ކުރި އެންމެ ބޮޑު ކާމިޔާބީއަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިޔުބުޝްގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު އިނދަޖެހިފައި އޮތް އޮތުމުން ސަލާމަތްކުރުމުގައި ހޯދި ކާމިޔާބީއެވެ.
އިރާގާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމާއި ދުނިޔޭގެ ކަންކޮޅުތަކުގައި އެކިނަންނަމުގައި އެމެރިކާ ހިންގަމުން ގެންދިޔަ އަނިޔާވެރި އަމަލުތަކާއި ހަނގުރާމަތައް ނިމުމަކަށް ގެނަސް އަސްކަރީ ޚަރަދުތައް ކުޑަކުރުމަކީ އޮބާމާގެ އިގްތިސާދީ ކާމިޔާބީތަކުގެ އަސާސް ކަމަށްވެސް މުރާސިލުން ބުނެއެވެ. އޮބާމާ މިދިޔަ ހަފްތާގައިވަނީ ކިޔުބާއާ ދެކޮޅަށް އެމެރިކާ ގެންގުޅުނު ޒަމާންވީ ދުޝްމަންކަންވެސް ނިމުމަކަށް ގެނައިކަން އިޢްލާން ކުރައްވާފައެވެ. މިއާއެކު އޮބާމާގެ ސަރުކާރުން ގެންދަނީ ކިޔުބާއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވާލުމަށް ކޮންރެސްގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިއަހަރު ތެރޭގައި އޮބާމާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ސިޔާސީ ނާކާމިޔާބީއަކީ ކޮންގްރެސްގެ ދެ ގޭގެ އަޣްލަބިއްޔަތުވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީ ހޯދުމެވެ. ރިޕަބްލިކަން ޕާޓީއަކީ އެމެރިކާގެ ހަރުކަށި ވިސްނުމުގެ މުސްކުޅި ސިޔާސީ ލީޑަރުން ގިނަ އަދި ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތުތައް އިސްކުރާ ޕާޓީއެކެވެ. ކިޔުބާއާ ގުޅުންތައް ރަނގަނޅު ކުރަން އޮބާމާ ނިންމެވީ އެގައުމާ ދެކޮޅަށް އެމެރިކާ ގެންގުޅުނު ޒަމާނާ ނުގުޅޭ ބޯދާ ހަރުކަށި ސިޔާސަތުތައް ފޭލްވުމުގެ ސަބަބުން ކަމަށް ޚުދު އޮބާމާވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ކިޔުބާއާ ގުޅުންތައް ރަނގަނޅު ކުރުމުގެ މަސައްކަތް ކުރިޔަށްދިޔަ ނަމަވެސް އެގައުމަށް ޒިޔާރަތް ކުރައްވަން އަދި ތަންކޮޅެއް އަވަސް ކަމަށް އޮބާމާ ވިދާޅުވިއެވެ. (ރޮއިޓާސް)