20 Dec 2014, 14:28
ލ. މާބައިދޫގައި ހިތާނީ ގެއަކުން ކައިގެން ކާނާ ވިހަވި 32 މީހުންގެ ތެރެއިން ސީރިއަސް ވުމުން އިތުރަށް ފަރުވާ ދިނުމަށް ލ. ގަމު ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުން މިއަދު ދޫކޮށްލައިފި އެވެ.
ގަމު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ކާނާ ވިހަވުމުން ދޭންޖެހޭ އިތުރު ފަރުވާ ދިނުމަށްފަހު މިހާރު އެމީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި މިއަދު ހެނދުނު ވީއިރު އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.
ލ. މާބައިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެރަށު ބަޔަކު ކާނާ ވިހަވެފައިވަނީ އެރަށުގައި ކުދިން ހިތާނުކުރި ގެއަކުން އިއްޔެ ރަށު ރައްޔިތުންނަށް ދިން މެންދުރުގެ ކެއުމެއް ކައިގެން ކަމަށެވެ. އަދި ކާނާ ވިހަވެފައިވަނީ ތާޒާކަން ކެނޑިފައި ހުރި މަހުން ތައްޔާރުކޮށްފައިހުރި އެއްޗެއް ކެވިގެން ކަމަށް ބެލެވޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ކާނާ ވިހަވެގެން މާބައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ މީހުންގެ އަދަދު ގިނަކަމުން އެއިން ބަޔަކަށް ސިއްހީމަރުކަޒުގެ ބޭރުގައި ވެސް ފަރުވާދީފައިވާ ކަމަށް އެރަށު ކައުންސިލުން ކުރިން ބުންޏެވެ. ނަމަވެސް މާބައިދޫ ސިއްހީ މަރުކަޒުން އެކަން ދޮގުކުރެ އެވެ.
ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ހުސެއިން އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިނުވާ ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ މަރުކަޒުން ބޭސް ހުސްވިކަމަށް ކައުންސިލުން ބުނެފައިވާ ބުނުމަކީ ވެސް ދޮގެއް ކަަމަށެވެ.
"އެފަދަ ހާލަތެއް މެދުވެރިއެއް ނުވޭ. ބޭސް ވިއްކަނީ ސިއްހީ މަރުކަޒަކުން ނޫން. ރަށުގައި ހުންނަނީ ކައުންސިލުން ހިންގާ ބޭސްފިހާރައެއް. އެތަނުން ބޭސް ހުސްވުމުން ގަމު ރީޖަނަލް ހޮސްޕިޓަލުން ބޭސް ގެނއސްދިނީ ވެސް އަޅުގަނޑުމެން،" ހުސެއިން އިބްރާހީމް ވިދާޅުވި އެވެ.
އެހާގިނަ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހުމުން ލ. ގަމު ހޮސްޕިޓަލްގެ ޓީމަކުން ވެސް ވަނީ މާބައިދޫ ސިއްހީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.