ބުންޑެސްލީގާގައި ބަޔާން މިޔުނިކް ރޭ ހޯދި ކާމިޔާބީއާއެކު ލީގުގައި އެ ޓީމުން ހޯދައިފައިވާ ޕޮއިންޓުގެ ރެކޯޑު އައުކޮށްފި އެވެ.

ރޭގެ މެޗުން މޮޅުވެ 44 ޕޮއިންޓް ރެކޯޑު، 45 ޕޮއިންޓަށް އައުކޮށް ތާވަލުގެ އެއްވަނައިގައި ފަސޭހަ ކަމާއެކު ހަމަޖެހިލުމަށްފަހު އެހެން ޓީމު ތަކަށްވުރެ ބޮޑު ފަރަގެއް ބަޔާން މިއުނިކުން ވަނީ އުފައްދާފައިވެ އެވެ.

އެފްއެސްވީ މެއިންޒް އޯފައިވްއާ ދެކޮޅަށް ބަޔާން މިއުނިކް ރޭ ކުޅުނު މެޗުގެ 20 މިނެޓުގައި އިދިކޮޅު ޓީމުން ފުރަތަމަ ގޯލު ޖެހި އެވެ. އެ ޓީމުގެ މިޑްފީލްޑަރު އެލްކިން ސޯޓޯ ޖެހި ލަނޑާއެކު ލީޑު ނެގުމަށްފަހު އޭގެ ތިން މިނެޓުތެރޭ މިއުނިކްގެ ފުރަތަމަ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ފްރީ ކިކަކުން އެ ގޯލު ޖެހީ މިޑްފީލްޑަރު ބާސްޓިއަން ޝްވެންސްޓީގާ އެވެ.

މެޗުގެ ތިން ވަނަ ލަނޑު ޖެހީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު އާޖެން ރޮބެން އެވެ. އޭނާ ޖެހި ލަނޑާއެކު އެ ޓީމުން ލީގުގައި ޓީމުން ހޯދާފައިވާ ޕޮއިންޓުގެ ރެކޯޑު އައު ކުރި އެވެ.

ރޭގެ މެޗުން މެއިންޒް ބަލިވިއިރު އެ މެޗަކީ މި ސީޒަންގައި އެ ޓީމުން ބަލިވި ނުވަ ވަނަ މެޗެވެ. އެ ނަތީޖާއާއެކު 18 ޕޮއިންޓާއެކު މެއިންޒް އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.