ޔޫތު މިނިސްޓްރީން ލަންކާގައި ގާއިމް ކުރަން ހަމަޖެހިފައިވާ ފުޓްސެލް ދަނޑުގެ ބިންގާ އަޅައި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޖިމެއް ހުޅުވައިފި އެވެ.

'ސަން' އަށް މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީން ބުނީ ލަންކާގައި ގާއިމް ކުރާ ފުޓްސެލް ދަނޑުގެ ބިންގާ އަޅާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ ދަނޑުގެ ބިންގާ އަޅުއްވައި ދެއްވީ ލަންކާގައި އުޅޭ ދިވެހި ޒުވާނުންނާއި ގުޅިގެން އެ ގައުމުގައި ހުންނެވި އެމްބެސެޑަރު އެޓް ލާޖް އަބްދުﷲ ހަމީދު އާއި ދިވެހި ހައި ކޮމިޝަންގެ މުއައްޒަފުން ކަމަށް ވެސް ޔޫތު މިނިސްޓރީން ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ލަންކާގައި ގާއިމްކުރަން ހަމަޖެހިފައިވާ ފުޓްސެލް ދަނޑު އަޅަން ހަމަޖެހިފައި ވަނީ ދިވެހި ހައި ކޮމިޝަން ކުރިން ހިންގި ސޯސަންވިލާގަ އެވެ. އަދި އެ ފުޓްސެލް ދަނޑު އެޅުމުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ޕްރެސިޝަން އިންޖިނިއަރިންގް ޕްރިވެޓް ލިމިޓަޑާއި ހަވާލު ކޮށްފައި ވާއިރު، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވިފައި ވަނީ ދެ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

ފުޓްސެލް ދަނޑުގެ އިތުރުން ލަންކާގައި އުޅޭ ދިވެހި ޒުވާނުންނަށް ހާއްސަކޮށް އެ ގައުމުގައި ޖިމެއްވެސް ވަނީ ހުޅުވާފަ އެވެ. ޔޫތު މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު އަދީބުގެ އެހީތެރިކަމާއެކު ހުޅުވި އެ ޖިމެއް ކަމަށެވެ. އަދި އެ ކަންކަމަށް ލަންކާގައި އުޅޭ ދިވެހި ރައްޔިތުންގެ ފަރާތުން މިހާރު ވެސް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ މަސައްކަތްތަކުގެ އިތުރުން މިހާރު ލަންކާގެ ސޯސަންވިލާގައި ހުރި ޔޫތު ސެންޓަރު އިތުރަށް ހަރުދަނާކޮށް، އެ ތަނުގެ ފެންވަރު ރަނގަޅު ކުރަން އެ މިނިސްޓްރީން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ލަންކާގައި ގާއިމް ކުރާ ވަސީލަތްތަކުގެ ކަންކަން ބަލަހައްޓަވާ ހިންގެވުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން އެ ގައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އެމްބެސެޑަރު އެޓް ލާޖް އަބްދުﷲ ހަމީދު ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.