20 Dec 2014, 12:31
އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރުމަށްފަހު، އެ ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ މަރާލާނެ ކަމަށް ބުނި ބައްޕަ ހައްޔަރުކޮށްފި އެވެ.
އުމުރުން 16 އަހަރުވެފައިވާ އެ އަންހެން ކުއްޖާއާ ގަދަކަމުން ޖިންސީ ގޯނާކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރު ކުރީ ރޭ 11:30 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ 16 އަހަރުގެ ދަރިފުޅަށް ނުވަ އަހަރުން ފެށިގެން ގަދަކަމުން ޖިންސީ ގޯނާ ކުރަމުންދާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ވަނަވަރު ހާމަވެދާނެތީ، އެ ކުއްޖާގެ ބައްޕަގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މީހާ ހައްޔަރު ކުރީ ކޮން ރަށަކުން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.