20 Dec 2014, 12:17
ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ބޭންކިންގް އާ ބެހޭ ގާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.
ބޭންކިންގްއާ ބެހޭ ގާނޫނަށް އާރިފް ހުށަހެޅުއްވި އިސްލާހަކީ އެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ބަހައްޓާ ކްރިޑިޓް އެކްސްޕޯޝާގެ މިންގަޑާއި ބޭންކާ ގުޅުން ހުރި ފަރާތްތަކަށް ދޫކުރާ ދަރަނީގެ މިންގަނޑު އެމްއެމްއޭ އިން ހަދާ ގަވާއިދެއްގެ ދަށުން ކަނޑައެޅުމަށެވެ.
އެގޮތުން ބޭންކިންއާ ބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ ހ. އަށް އާރިފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެއްވެސް ބޭންކަކަށް ކްރެޑިޓް އެކްސްޕޯޝާގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ އެ ގާނުނުގެ ދަށުން އެމްއެމްއޭ އިން ހަދާ ގަވާއިދެއްގައި ކަނޑައަޅާ މިންވަރެއް ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ބޭންކިންއާ ބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ބޭންކަކުން އެ ބޭންކަކަށް އެއް ފަރާތަކަށް ނުވަތަ ގުޅިފައިވާ ފަރާތްތަކަކުން އަނބުރާ ލިބެންޖެހޭ ޖުމްލަ ފައިސާގެ ގޮތުގައި ބެހެއްޓޭނީ ގިނަވެގެން 1،000،000 ރުފިޔާ އެވެ. ހަމައެހެންމެ އެ މާއްދާގައި ބުނެފައިވާ ގޮތުން އެމްއެމްއޭ އިން އެކުލަވާލާ ގަވާއިދުތަކުގެ ދަށުން އެއްފަރާތެއް ކަމަށް ބަލަންޖެހޭނެ ފަދަ ގުޅިފައިވާ ފަރާތްތަކަުން ކްރެޑިޓް އެކްސްޕޯޝާގެ ގޮތުގައި ގިނަވެގެން ބެހެއްޓޭނީ އެ ބޭންކެއްގެ ރައުސްމާލްގެ 15 ޕަސެންޓް ކަމަށެވެ.
މީގެ އިތުރުން ބޭންކިންއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެމްއެމްއޭ އިން ހަދާ ގަވާއިދެއްގެ ދަށުން މަނާކޮށްފައިވާ ފަދަ ކޯޕްރޭޓް ގުރޫޕަކަށް ކްރެޑިޓް އެކްސްޕޯޝާގެ ގޮތުގައި ބެހެއްޓޭނީ އެ ބޭންކެއްގެ ރައުސްމާލްގެ 40 ޕަސެންޓެވެ. އަދި ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އެމްއެމްއޭ އިން ހަދާ ގަވާއިދެއްގެ ދަށުން ލާޖް އެކްސްޕޯޝާގެ ގޮތުގައި ބެހެއްޓޭނެ މިންގަނޑު އެ ބޭންކެއްގެ ރައުސްމާލްގެ 500 ޕަސެންޓެއްވުރެ އިތުރުވެގެންނުވާނެ އެވެ.
މަޖިލީހަށް ބިލް ހުށަހަޅުއްވަމުން އާރިފް ވިދާޅުވެފައި ވަނީ ކްރެޑިޑް އެކްސްޕޯޝާގެ ގޮތުގައި އެއް ފަރާތަކަށް ބަހައްޓަން ޖެހޭ މިންވަރާއި ބޭންކްތަކާ ގުޅުން ހުރި ފަރާތްތަކަށް ދޫކުރާ ދަރަނީގެ މިންގަނޑު ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް ދިމާވާ ހާލަތުގައި ވެސް އަދި އެނޫން ވެސް ހާލަތުގައި ވެސް ގާނޫނަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް އެ މިންގަނޑުތައް ބަދަލު ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު ތަންފީޒު ކުރުމަށް ތަފާތު ދަތިތައް ދިމާވާ ކަމެއް ކަަަމަށެވެ. އެހެން ކަަމުން އެފަދަ ހާލަތްތަކުގައި އެމްއެމްއޭ އިން ހަދާ ގަވާއިދެއްގެ ދަށުން އެ މިންގަނޑު ކަނޑައެޅުމަކީ ގާނޫނު ތަންދީޒު ކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް އާރިފް ވިދާޅުވި އެވެ.
އިގްތިސާދީ ކޮމެޓީން އެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ބިލް ދިރާސާކޮށް ނިންމާފައި ވާނީ ސަރުކާރުގެ ކަމާއިގުޅޭ ފަރާތްތަކާއި ރާއްޖޭގައި ހިންގަމުންދާ ބޭންކްތަކާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.