މ. މަޑުއްވަރީ އާއި ގއ. ކޮނޑޭގެ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެ އެވެ.

މާލޭގައި ތިބި މަޑުއްވަރީ އާއި ކޮނޑޭގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ އިސްކަންދަރު ސުކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮއްޓަށެވެ. މާލޭގައި ތިބި ދެރަށުގެ ރައްޔިތުން އެއް ފޮއްޓަކަށް ވޯޓުލުމަށް ހަމަޖެހިފައި ވާއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ އެއް ފޮއްޓަކަށް ވޯޓު ލާގޮތަށް ހަމަޖެއްސީ ކޮނޑޭ ރައްޔިތުންނަށް ވަކި ވޯޓު ފޮށްޓެއް ބެހެއްޓޭ ވަރަށް ވޯޓުލުމަށް މީހުން ރަޖިސްޓްރީ ވެފައިނުވާތީ ކަމަށެވެ.

"ކޮނޑޭ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން ވޯޓުލުމަށް މިހާރު ހަމަޖެހިފައި ވަނީ މާލޭގައި ބަހައްޓާ މަޑުއްވަރީ މީހުން ވޯޓުލާ ފޮށްޓަށް، އެވޯޓު ފޮށި ހުންނާނީ އިސްކަންދަރު ސްކޫލްގަ" އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ ދެރަށުގެ ވެސް ރަށު ސުކޫލުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން އަމާންކަމާއި އެކު ކުރިއަށްދާ ކަމަށާއި އަދި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

މިއަދުގެ 4:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ދާއިރު، ވޯޓު ގުނުމަށް ހަމަޖެހިފައި ވަނީ ވޯޓު ފޮށި ބަންދުކުރާތާ ބައި ގަޑި އިރުފަހުންނެވެ. އަދި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

ކޮނޑޭ ކައުންސިލްގެ ބައި-އިލެކްޝަންސް އިއުލާން ކޮށްފައިވަނީ އެ ކައުންސިލަށް އިންތިހާބުވި ޝާން މުހައްމަދު ކައުންސިލް ގޮނޑި ދޫކޮށްލެއްވުމުންނެވެ. އަދި މަޑުއްވަރީ ކައުންސިލުން ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލަށް އަމިއްލަ ގޮތުން އިންތިހާބުވެ ވަޑައިގެންނެވި މުހައްމަދު ޝައުކަތު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.