ލ. އަތޮޅުގައި ޓޫރިޒަމް ވިޔަފާރިއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ތުނބުރި ޕްރޮޖެކްޓްގެ ދަށުން ބީޗު ހޮޓާ ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ބިންތައް ކުއްޔަށް ދޫކުރަން ސަރުކާރުން ހުޅުވާލައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިމަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ހޮޓާ އެޅުމަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ތުނބުރި ޕްރޮޖެކްޓަށް ޝައުޤުވެރިކަން ފާޅުކުރުމަށް އިރުޝާދު ދިނުމަށް އިންވެސްޓްޓުއަރިޒަމް ވެބްސައިޓްގައި ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ޕްރޮޖެކްޓްގެ ދަށުން ބިން ކުއްޔަށް ދޫކުރާނީ 25 އަހަރަށެވެ. އެގޮތުން ދޫކުރާ ބިމުގެ ކޮންމެ 5000 އަކަ ފޫޓްގެ ބިމެއްގެ ކުއްޔަކީ އަހަރަކަށް 30000 ޑޮލަރެވެ. އަދި ކޮންމެ 10،000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ އަހަރަކަށް 66،000 ޑޮލަރެވެ.

ލ. ތުނބުރި: ބީޗު ހޮޓާ އަޅަން ދޫކުރަނީ 5000 އަކަފޫޓާއި 10،000 އަކަފޫޓުގެ ބިން-

ބިން ކުއްޔަށް ހިފާ ފަރާތުން ލީޒް އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި 5000 އަކަފޫޓުގެ ބިމެއް ނަމަ 100،000 ޑޮލަރު އަދި 10،000 އަކަފޫޓުގެ ބިމެއް ނަމަ 200،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ބީލަން ހުށަހަޅަން ޖެހޭނީ ވެލާނާ ބިލްޑިންގެ ހަތަރުވަނަ ބުރީގައި ހުންނަ އެމްއެމްޕީއާރްސީގެ އޮފީހުގައި ހުންނަ ތުނބުރި ޕްރޮޖެކްޓަށް ހާއްސަ ސެކްޝަނަށެވެ.