ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީ "ދޮރުން ދޮރަށް" ކެމްޕެއިންގައި ރައީސް ނަޝީދު މިރޭ ގަލޮޅުގައި އުޅުއްވަނިކޮށް އަނެއްކާ ވެސް އެމަނިކުފާނާ ދިމާކޮށް، އެމަނިކުފާނަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ބަޔަކު ގޮވައިފި އެވެ.

ގަލޮޅު އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވި ކެންޑިޑޭޓް އަފްރާހު ހަލީލު ގ. ގަލޮޅުއާގޭގައި ހުޅުވާފައި ހުރި ޖަގަހައިން ރައީސް ނަޝީދު ބޮޑިބަތް ފަރިއްކުޅުއްވުމަށް ފަހު، ބަނަފްސާ މަގުގައި ހުރި ގެތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު އެމަނިކުފާނާ ދިމާކޮށް، ހުތުރުބަހުން އެއްޗެހި ގޮވައި ހެދި މަންޒަރު ސަންގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. އަދި އެ މީހުން ރައީސް ނަޝީދާ ދިމާލަށް "ގނޖ ބ" އޭ ކިޔައި ހުތުރު އެއްޗެހި ގޮވުމަށް ފަހު ބުނަމުން ދިޔައީ "ލާހިކެއް ނޫން ތި މީހާ އަށް އަހަރުން ގެއަށް ވަންނާކަށް" ކަމަށެވެ.
ނަމަވެސް އެ މީހުން ގޮވަމުންގެދިޔަ ގޮވުމަށް ރައީސް ނަޝީދު ސާމާލުކަމެއް ނުދެއްވައި އެ ސަރަހައްދުގެ ގެތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް، އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު، އެ މީހުންނަށް ރައްދުދެމުންދިޔަ އެވެ. އަދި އެ މަންޒަރު ރައީސް ނަޝީދަށް ފެނިވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ދިމާލަށް ވިދާޅުވީ "އަޅާ ނުލާ، އެހެންވެސް ގޮވާނެ، އެމީހުން ދިމާލަށް އެއްޗިހި ގޮވާނެ ކަމެއް ނެތް" ކަމަށެވެ.

ބަނަފްސާ މަގުގައި ތިބި ބަޔަކު ރައީސް ނަޝީދާ ދިމާލަށް އެއްޗެހި ގޮވިއިރު، އެ މަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރު ހަސަން އަފީފުގެ އިތުރުން ރައީސްގެ ޕޮލެޓިކަލް އެޑްވައިޒާ އިބްރާހިމް ހުސެން ޒަކީ އާއި ސެކިއުރިޓީން ވެސް ތިއްބެވި އެވެ.

މިރޭ ރައީސް ނަޝީދާ ދިމާކޮށް ބަޔަކު އަޑުގަދަކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ 24 އެ މަނިކުފާނު މައްޗަންގޮޅީ ގެތަކަށް ޒިޔާރަތް ކުރައްވަނިކޮށް ވެސް ބަޔަކު ވަނީ އެމަނިކުފާނާ ދިމާކޮށް ހުތުރު އެއްޗެހި ގޮވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.