20 Dec 2014, 10:29
ސަރުކާރު ބަދުނާމުވާ ގޮތަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށް ސަރުކާރު ހިންގާ ޕީޕީއެމުން ޖޭޕީއަށް ރައްދު ދީފި އެވެ.
ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ދިވެހި ސަރުކާރު ބަދުނާމުވާފަދަ ގޮތަށް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ޖުމްހޫރީ ޕާޓީގެ ވެރިން މަސައްކަތްކުރައްވާފައި" ވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ޖޭޕީއަށް ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއާމެދު ތަފާތު ނަޒަރަކުން ދެކެން ފަށައިފި ކަމަށާއި އޭގެ ސަަބަބުން ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބެމުން އައި ތައުރީފުގެ ބަދަލުގައި ނަފްރަތާއި ހިތްހަމަނުޖެހުމުގެ ބަސްތައް ލިބެން ފަށައިފި ކަމަށެވެ.
ގާސިމްގެ މިވާހަކަ ކުށްވެރިކޮށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރު ދުނިޔެއިން ރާއްޖެއަށް ލިބެނީ ނަފްރަތު ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ސަރުކާރާއި ބޭރުގެ ގައުމުތަކާ އުފެދިފައިވާ ގުޅުން ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ހީނަރުވެފައިވީ ނަމަވެސް މިއަދުގެ ސަރުކާރުގެ މަސައްކަތުން އެ ގުޅުން ވަރުގަދަވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބޭރުގެ ގައުމުތަކާއި ގުޅިގެން ސަރުކާރުން ބިޔަ ޕްރޮޖެކްޓުތަކެއް ފަށާފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ ގައުމުތަކުންނާއި ޖަމާއަތްތަކުން ސަރުކާރަށް ތައުރީފު ކުރައްވާ ބަޔާންތަށް ނެރުވުމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާ ކަމުގެ ހެއްކެއް ކަމަށެވެ.
މުއާޒު ސޮއިކުރުމަށް ބޭއްވި ރައްސްމިއްޔާތުގައި ގާސިމް ވިދާޅުވެފައި ވަނީ ބޭރު ދުނިޔޭގެ ނަފްރަތު ރާއްޖެއަށް ލިބުމުގެ ސަބަބުން ރާއްޖެ އަންނަ އިންވެސްޓްމަންޓްތަކަށް އަސަރު ކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަކީ ރާއްޖެއަށް އޮތް ނުބައި ސިގުނަލެއް ކަަމަށެވެ.