ވޮޝިންޓަން (ޑިސެމްބަރު 20): އިރާގާއި ސީރިޔާގެ ބޮޑު ބައެއްގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން މިހާރު ކުރިއަށް ގެންދާ ހަނގުރާމަ ތިން އަހަރަށް ދިގުލައިގެން ހިނގައިދާނެ ކަމަށް އެމެރިކާ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

ޕެންޓަގަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އައިއެސްއާ ހަނގުރާމަކުރާ އެމެރިކާގެ ބާރުތަކުގެ އިސް ކޮމާންޑަރު ޖެނެރަލަކު ޖޭމްސް ޓެރީ ވިދާޅުވީ އައިއެސްގެ ބާރު އިރާގާއި ސީރިޔާއިން ކަނޑުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ޖަމާއަތް ބަލިކަށިކޮށްލުމަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ މަދުވެގެން އަހަރަށް ދިގުލައިގެން ހިނގައިދާނެ ކަމުގަ އެވެ.

ޓެރީ ވިދާޅުވީ އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުން އައިއެސްގެ އަމާޒުތަކަށް ދޭ ވައިގެ ޙަމަލާތަކުގެ އަސަރު އެ ޖަމާއަތަށް ކުރާ ކަމުގައެވެ. އައިއެސްއާ އެއްގަމުމަގުން ކުރިމަތިލައިގެން އިރާގު ސިފައިންނާއި އިރާގާއި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންއެޖަމާއަތުގެ މައްޗަށް ކުރިހޯދަމުން ގެންދާ ކަމަށާއި މިކަމަށް މަގުފަހިވަނީ އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ ވައިގެ ޙަމަލާތަކުގެ ސަބަބުން ކަމަށް ޓެރީ ސިފަކުރެއްވިއެވެ. އެމެރިކާއާއި އެމެރިކާއާ ބައިވެރިވެފައިވާ 40 ގައުމުގެ އިއްތިޙާދުން އައިއެސް އާ ދެކޮޅަށް ވައިގެ ޙަމަލާތައް ދެމުންގެންދާތާ ތިން މަހަށްވުރެ ގިނަދުވަސް ވެފައިވީ ނަމަވެސް އެޖަމާއަތް ބަލިކުރުމުގައި މި އިއްތިޙާދަށް ނާކާމިޔާބު ލިބިފައެއް ނުވެއެވެ.

އިރާގުގައި އައިއެސް ޖަމާއަތް އުފެދިފައި ވަނީ އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ އިރާގުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާއި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށްފަހު އިރާގުގައި ވެރިކަން ކުރަމުން އަންނަ ޝިޔަޢީން ސުންނީންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން އެކަމަށް ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައެވެ. އިރާގަށް އެމެރިކާ ސިފައިން އެރުމަށް މަގުފަހިކުރީ ސައްދާމް ޙުސައިންގެ ވެރިކަމުގައި އަނިޔާވެރިކަން ތަޙައްމަލްކުރި އިރާގުގެ ޝިޔަޢީންނެވެ. ބަދަލުހިފުމުގެ ރޫޙުގައި އައިއެސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދަނީ އާންމު ގޮތެއްގައި ޝިޔަޢީންނާ ދެކޮޅަށް ކަމަށްވިޔަސް އެޖަމާއަތުގެ އަނިޔާވެރިކަމުން ސުުންނީންވެސް ސަލާމަތެއް ނުވެއެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އެމީހުންގެ ބަދަލުހިފުމުގެ އަނިޔާވެރި ޖަރީމާތައް ހިންގަމުން ގެންދަނީ އިސްލާމީ ޝިޢާރުތަކެއް ކުރިޔަށް ނެރެގެންނެވެ. މިޝިޢާރުތަކާއެކު ދުނިޔޭގެ ކަންކޮޅުތަކުން ގިނައަދަދެއްގެ މުސްލިމް ޒުވާނުން އެ ޖަމާއަތާ ގުޅެމުން ދިޔުމަކީ އެޖަމާއަތް ބަލިކުރަން އުނދަގޫވާ މައިގަނޑު ސަބަބު ކަމަށް އެމެރިކާ ބުނެ އެވެ.(އަލްޖަޒީރާ)