20 Dec 2014, 09:24
މާލެއަށް ދިމާވި ފެނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި ބައިވެރިވި މޯލްޑިވްސް ގޭސް ކުންފުނީގެ މުއައްޒަފުންނަށް އެ މީހުންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކުންފުނިން ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.
ސިޓްރޯންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ގޭސްގެ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނާއި ބައެއް އިސްވެރިންނެވެ.
އެ ހަފްލާގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ މާލެއަށް ދިމާވި ފެނުގެ ދަތިކަމާ ގުޅިގެން އެ ކުންފުނީގެ މުއައްޒަފުންގެ ފަރާތުން ދެއްކެވި ނަމޫނާއަށް ޝުކުރު ދެންނެވުމަކީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.
"ތިބޭފުޅުންނަށް ޝުކުރު އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެން. އަޅުގަނޑަށް އެނގޭ، މިހެން އުޅެލާފަ ޝުކުރިއްޔާއޭ ބުނުމަކުން ނިމޭވަރު ކަމެއް ނޫންކަން މިއަކީ. އެއައްވުރެ މާބޮޑު ކަމެއް އެއަކީ. މާ ކޮމިޓްމެންޓް ބޮޑު މަސައްކަތެއް ތިކޮށްދިނީ،" އޭނާ ވިދާޅުވި އެވެ.
ކުންފުންޏާ މެދު ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ކޮންމެ ކުންފުންޏެއް ވެސް ކަންތައް ކުރާ ގޮތްތަކާމެދު ހިތްހަމަ ނުޖެހޭނެ ބަޔަކު ތިބި ކަމުގައިވިޔަސް އޭނާ އެ ކުންފުންޏަށް މައްސަލަ ހުށަހަޅާ އަދަދު އޭނާ ގުޅުން ފަހުން 70 އިންސައްތަ މަދުވެފައިވާ ކަމަށެވެ.