20 Dec 2014, 03:37
ނޭޕާލްގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ 'ސައުތް އޭޝިއަން ވިމަންސް ވޮލީބޯލް ޗެންޕިއަންޝިޕް 2014' ގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ޓީމް ބަލިވެއްޖެއެވެ.
އިއްޔެ ކުޅުނު އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލުކުރީ އަމިއްލަ ގައުމުގައި އެ މުބާރާތް ކުޅެމުންދާ ނޭޕާލްގެ ގައުމީ ޓީމާއެވެ. އެ މެޗު ނޭޕާލް ޓީމް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ދެއްކިނަމަވެސް، އެ މެޗު 19-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޭޕާލް އެވެ. އަދި މެޗުގައި ދެން ކުޅުނު ދެ ސެޓު އެ ޓީމް ކާމިޔާބު ކުރީ 11-25 ގެ ނަތީޖާއަކުންނާއި 13-25 ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓީމުގެ ކޯޗު އިބްރާހިމް ޖަލީލް (ޖައްލަ) ބުނީ މެޗުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިންހަމަ ޖެހޭ ކަމަށާއި، އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުތަކާ އަޅާ ބަލާއިރު، މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމު ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އަދި މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން މަދުވުމުން، އެކަން ކުޅުމުގެ ތެރެއިން ފެނިގެން ގޮސްފައި ވާކަމަށްވެސް އޭނާ ބުންޏެވެ.
މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމް ހޯމަ ދުވަހު ނޭޕާލަށް ފުރާފައި ވާއިރު، އެ ދަތުރުގައި ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު މާޖިދާ އާއި މަރިޔަމް އަޒީފާ އަށް ވަނީ ބައިވެރި ވެވޭގޮތް ނުވެފައެވެ.
ލީގު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި މާދަމާ ރާއްޖޭގެ ޓީމް ވާދަ ކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ ޓީމާ އެވެ. އަދި އެ މުބާާރާތުގައި މިމަހުގެ 21 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައި ވާއިރު، އެ މުބާރާތުގައި ކުޅޭ އެންމެ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރަން ހަމަޖެހިފައި ވަނީ ބަންގްލަދޭޝް ޓީމާއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމް ވަނީ ނޭޕާލްގެ ގައުމީ ޓީމާ ރަހުމަތްތެރިކަމުގެ ތިން މެޗު ކުޅެފައެވެ. އެ ތިން މެޗުގައިވެސް ރާއްޖޭގެ ޓީމް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު، އެ މަހުގެ ފަހުކޮޅު ބޭއްވި އޭޝައަން ގޭމްސްގައިވެސް ރާއްޖޭގެ ޓީމް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.