20 Dec 2014, 03:31
ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަކީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައި ރާއްޖޭގެ ވެރިކަން ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް އެކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން ބުނެފި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރީކޯ މޫސާ މަނިކަށް އަނިޔާ ކުރި ކަމަށް އެކި ފޯރަމްތަކުގައި މޫސަ ދައްކަވަމުން ދާތީ އެކަން ކުއްވެރިކޮށް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ރީކޯ މޫސައަށް އަނިޔާ ކުރައްވާފައިވާކަމަށް ދައްކަމުން ގެންދާ ވާހަކަތައް އެޕާޓީން ކުއްވެރި ކުރާ ކަމަށެވެ.
"ރައީސް މައުމޫން ބަދުނާމުކޮށް އޭނާއަށް [ރީކޯ މޫސައަށް] އެމަނިކުފާނު [ރައީސް މައުމޫން] އަނިޔާ ކުރައްވާފައިވާކަމަށް ބުނެ ތަކުރާރުކޮށް އެކި ފޯރަމްތަކުގައި ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފަށް ދައްކަމުން ގެންދާ ދޮގު ވާހަކަތަކެ ކެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މޫސައާ ބެހޭ ގޮތުން ޕީޕީއެމުން ބަޔާނެއް ނެރުނުއިރު މޫސަ ވަނީ ބައެއް ފޯރަމްތަކުގައި ރައީސް މައުމޫންގެ ވެރިކަމުގައި އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކުރެއްވި ކަމަށް ވިދާޅުވެފައި އެވެ.
ދާދިފަހުން މޫސަ ވިދާޅުވީ، އެމްޑީޕީގެ މެމްބަރެއް ވިއަސް އަދި އެހެން ޕާޓީއެއްގެ މެމްބަރެއް ވިއަސް އޭނާ އަށް އަނިޔާކުރި ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.
މައުމޫން ވެރިކަމުގައި އޭނާ އަށް އަނިޔާ ކުރި ކަމަށާއި އެ މައްސަލަތަކަށް ފަސްއަޅައި ފޮރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މޫސަ ވަނީ ވިދާޅުވެފައި އެވެ.