ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ހެކިބަސް ދިން މީހަކަށް އިންޒާރު ދިން މީހެއްގެ ބޯ ފަޅާލައިފި އެވެ.

ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ މިރޭ 10:30 އެހައިކަންހާއިރު ތިނަދޫ އޯޝަން ޓެރެސް ނަމަކަށް ކިޔާ ހޮޓަލުގައި ކޮފީބޯން ތިއްބައި އެތަނުގައި ހުރި އެރަށު ބީޗްރެސްޓް އަހްމަދު ރަޝީދުގެ ބޯ ފަޅާލީ ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި އޭނަގެ ބޭބެގެ މައްޗަށް ހެކިދިން ކަމަށް ބުނެ މީހަކަށް އިންޒާރު ދިނުމުން ކަމަށެވެ.

އަހްމަދު ރަޝީދުގެ ބޭބެ މުހައްމަދު ރަޝީދާ ދެކޮޅަށް ހެކިދިން ކަމަށް ބުނެ އިންޒާރު ދޭން ފެށުމުން އޭނާއަށް ހަމަލާދިނީ އެވަގުތު އެތަނުގައި އިން މީހަކު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހްމަދު ރަޝީދު އެތަނުގައި އިން މީހަކާ ދިމާލަށް ބުނީ ކަލޭ ތިހިރީ ތިމަންނަގެ ބޭބެ މުހައްމަދު ރަޝީދުއާ ދެކޮޅަށް ހެކި ދީފައޭ. އެހެންކިޔާފަ އޭނަ އިންޒާރުދޭން ފެށުމުން އެމީހާ ގޮސް އޭނަގެ ބޯ ފަޅާލީ. އަދި އެމީހާ ބުނަމުން ގެންދިޔަ ތަކުރާރުކޮށް އެކި ފަހަރުމަތިން އަހްމަދު ރަޝީދު އޭނައާ ދިމާކޮށް އިންޒާރުދޭ ކަމަށް،" ތިނަދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އަހްމަދު ރަޝީދުއަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫ ހޮޓަލެއްގެ ތެރޭގައި މިރޭ ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަހްމަދު ރަޝީދުގެ ބޯ ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ މަލަސް ޝިފާގު މުހައްމަދު،24 އެވެ.