ޔޫރަޕުގެ ކްލަބުތަކުން ބޮޑެތި އަގުތަކުގައި މި އަހަރުވެސް އެ ކްލަބުތަކަށް އާ ކުޅުންތެރިން އިތުރު ކުރަމުން ދާއިރު، ޗެލްސީއަށް މި ސީޒަންގައި އާ ކުޅުންތެރިން ގެންނަން ނުވިސްނާކަމަށް އެ ޓީމްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ބުނީ މިހާރު ޗެލްސީގައި އޮތް ސްކޮޑަކީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި، އަންނަ ޖެނުއަރީގައި އެ ކްލަބަށް އާ ކުޅުންތެރިން ގެންނަން ނުވިސްނާ ކަމަށެވެ. އަދި މިހާރު އޮތް ސްކޮޑު ކުޑަ ނަމަވެސް މި ސީޒަން ނިންމާލަން ގަސްދުކުރަނީ އެ ސްކޮޑަށް އިތުރު ބަދަލުތަކެއް ނުގެނެސް ކަމަށް އޭނާ ބުންޏެވެ.

"ޖެނުއަރީގައި ޗެލްސީއަށް އާ ކުޅުންތެރިއެއް ގެންނާކަށް ނުވިސްނަން. މިހާރު އޮތް ސްކޮޑަކީ ވަރަށް ކުޑަ ސްކޮޑެއް. ބައެއް ކުޅުންތެރިން ވަރަށް އާ ވިޔަސް، ތަޖުރިބާކާރު ކުޅުންތެރިންވެސް ސްކޮޑުގައި އެބަ ތިބި. އަދި އެ ކުޅުންތެރިންނަކީ ވަރަށް ހުނަވެރި ކުޅުންތެރިން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މިފަހަރުގެ ސީޒަން ފެށީވެސް އެ ކުޅުންތެރިންނާ އެކީ ކަމަށާއި، ސީޒަން ނިންމަންވެސް ގަސްދު ކުރަނީ ހަމަ އެ ކުޅުންތެރިންނާ އެކީ ކަމަށެވެ. އަދި މިހާރު ޗެސީގައި އޮތް ސްކޮޑަކީ "ވަރަށް، ވަރަށް ރަނގަޅު" ސްކޮޑެއް ކަމަށާއި، މިހާރު ޗެލްސީގައި ތިބި ކުޅުންތެރިންނާމެދު ވަރަށް ހިންހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޔޫރަޕުގެ ހަތަރު މުބާރާތެއްގައި މިހާރުވެސް ވާދަކުރަމުންދާ ޗެލްސީ ވަނީ މި ސީޒަންގައި ފާހަގަ ކޮށްލެވޭ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެ ޓީމް އިނގިރޭސި ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބު ކޮށްފައި ވާއިރު، ޗެންޕިއަންސް ލީގުގެ ދެވަނަ ބުރަށް އެ ޓީމް ދަތުރުކޮށްފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ޗެލްސީ އެ ޓީމުގެ އެންމެ ފަހު ކާމިޔާބީ ހޯދީ ރޭ އިނގިރޭސި ލީގު ކަޕްގައި ޑާބީ ކައުންޓީއާ ދެކޮޅަށް ވާދަކޮށް، އެ މެޗު 3-1 ގެ ނަތީޖައަކުން ކާމިޔާބު ކޮށްގެނެވެ. އެ މެޗުގައި އެ ޓީމްގެ ސެންޓާ ބެކަށް ކުޅެމުން އަންނަ 20 އަހަރުގެ ކާޓް ޒައުމާ އާއި އެ ޓީމްގެ ގޯލްކީޕަރު ޕީޓްރީ ޗެކް ނުރައްކާތެރި ގޮތަކަށް ޖެހި، ޒައުމާ ހޭނެތިފައި ވާއިރު، މޮރީނިއޯ ބުނީ މިހާރު އޭނާ ރަނގަޅު ކަމަށާއި، އަންނަ ހޯމަ ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ޒައުމާ ފެނިގެން ދިޔުން އެކަށީގެން ވާކަމަށެވެ.