19 Dec 2014, 21:33
ފ. އަތޮޅު ނިލަންދޫގައި މިހާރު ކުރިއަށްދާ ފ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެވަނަ ސެމީފައިނަލް މެޗު ކާމިޔާބުކޮށް، ދަރަނބޫދޫ ޒުވާނުންގެ ކްލަބް މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.
އިއްޔެ ކުޅުނު އެ މެޗުގައި ދަރަނބޫދޫ ޓީމާ ވާދަކުރީ ފީއަލި ޑިވަލޮޕްމަންޓް ސޮސައިޓީ އެވެ. އެ މެޗު ދަރަނބޫދޫ ކާމިޔާބުކުރީ 3-1 ނަތީޖާއަކުންނެވެ. މެޗުގައި ދަރަނބޫދޫއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، މެޗުގެ ލީޑް އެ ޓީމަށް ހޯދަދިނީ އެ ޓީމްގެ ރިޝްވާން އެވެ. ދަރަނބޫދޫއިން މެޗުގެ ލީޑު ނެގިތާ އިރުކޮޅެއްތެރޭ ފީއަލީ ޓީމް ވަނީ މެޗުގައި އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ފީއަލީ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ރިއްފަތު އެވެ.
މެޗުގައި ދަރަނބޫދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދަދިނީ ދެވަނަ ހާފްގައި އެ ޓީމްގެ އިބްރާހީމް ޝައުގަތު އެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ދަރަނބޫދޫގެ ތިންވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝައުގަތު އެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާ އެވެ.
އެ ނަތީޖާއާއެކު ދަރަނބޫދޫ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، ފައިނަލްގައި އެ ޓީމާ ދެކޮޅަށް ވާދަކުރާނީ ނިލަންދޫ ޖަމިއްޔަތުއް ޝަބާބް އެވެ.
ދަރަނބޫދޫ ޓީމް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި މި ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެނެވެ. އަދި އެ ޓީމާ ދެކޮޅަށް ނުކުންނަ ނިލަންދޫ ޖަމިއްޔަތުއް ޝަބާބްވެސް ވަނީ އަދި މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އެ މުބާރާތުގައި ފ. އަތޮޅުގެ ޖުމުލަ ހަ ޓީމެއް ވާދަ ކުރެއެވެ. އެ އަތޮޅު ފީއަލިން މުބާރާތުގައި ދެ ޓީމް ބައިވެރިވެފައި ވާއިރު، އެ މުބާރާތުގައި ބައިވެރިި އަނެއް ހަތަރު ޓީމް ނިސްބަތްވަނީ އެ އަތޮޅު މަގޫދޫ އާއި ދަރަނބޫދޫ، ނިލަންދޫ އަދި ބިލެއްދޫ އަށެވެ.