02 Feb 2011, 21:25
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލުމަށް ކަނޑައެޅި ޝަރުތުތައް ސިވިލް ކޯޓުން ބާތިލް ކުރި މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ހައި ކޯޓަށް އެ މައްސަލަ ހުށަހަޅަންޖެހުނު ވަރަށް ގިނަ ގާނޫނީ ނުކުތާތަކެއް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމާ ކަމަކާމެދު ހިތްހަމަނުޖެހިއްޖެ ނަމަ ހުށަހަޅަންޖެހޭނީ ހައި ކޯޓަށް ކަމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސިވިލް ކޯޓުން ބަލައި ހުކުމްކޮށްފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނިންމުމަކާ ގުޅޭ ގޮތުން ކަމަށާއި އެހެންކަމުން އެ މައްސަލަ ބެލުމުގެ އިހްތިސާސް ވެސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އެކަމަކު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން މި ނުކުތާ ފާހަގަކޮށްފައެއް ނުވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކޯޓުގެ ހުކުމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބޭނުން ކުރުމުގައި އަގުލަބިއްޔަތުން ކަންކަން ނިންމުމަށް ގާނޫނީ ވަކި ހާއްސަ އަދަދެއް ފުރިހަމަވާންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އެގޮތަށް ކޯޓުން ކަނޑައެޅުމަކީ ގާނޫނުގައި ކަނޑައެޅިގެން ބުނެފައި ނުވާ ކަމެއް ކުރުވުން ލާޒިމު ކުރުން ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނެފައިވާ އޮތޯރިޓީގެ ޖުމްލަ މެންބަރުންގެ ތެރެއިން ވަކި މެންބަރަކު ބޯޑަށް އައްޔަން ކުރުމަކާ ނުލައި އެ ބޯޑުގެ ތިބި މެންބަރުންގެ އަގުލަބިއްޔަތުން ކަންކަން ނިންމުމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކޯޓުން ކަނޑައަޅާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގެ މަގްސަދު ގެއްލޭ ގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ އާންމު އުސޫލުން ޖަމާއަތްތަކާއި މަޖިލީސްތަކާއި ކޮމެޓީތަކާއި ބޯޑުތަކުން ކަންކަން ނިންމުމުގައި ތަބާވާންޖެހޭ ކަމަށް ގަބޫލު ކުރެވޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަންކަން ނިންމަންޖެހޭނެ ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބުނެފައިވާ މަފްހޫމާ ތައާރަޒްވާ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ޖެނުއަރީ 10، 2011 ގައި ކަނޑައެޅި ޝަރުތުތައް ބާތިލް ކުރުމުގައި ސިވިލް ކޯޓުން މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ގާނޫނަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އިއުލާނަށްވުރެ ފަހުން ޖެނުއަރީ 17، 2011 ގައި އަމަލު ކުރަންފަށާފައިވާ ގާނޫނެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ގާނޫނީ ހަމަތަކަށް ބަލާއިރު ކުރިން ކޮށްފައިވާ ކަމެއް ފަހުން އެކުލަވާލާ ގާނޫނަކާ ގުޅުވާލައިގެން ގޮތެއް ކަނޑަނޭޅޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.