ރާއްޖޭގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގެ ޖަންކްޝަން ތަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެރަށުގައި ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބޭރަށްހިންގުން ފަދަ ރޯގާއެއް ފެތުރުނަ ނުދިނުމަށްޓަކައި ރަށުގެ އެއްވެސް ހިސާބެއްގައި ވަޅުފެން ކްލޮރިން ކޮށްގެން ނޫނީ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބުއިމާއި ކެއްކުމަށް ރައްކާތެރިކަމާއެކު ނަގާ ވާރޭފެން ނުވަތަ ކެއްކިފެން ބޭނުން ކުރުމަށާއި، އާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ފާޚާނާ ކުރުމަށް ފަހުގައާއި ކެއްކުމުގެ ކުރިންނާއި ކެއުމުގެ ކުރިން ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް ސެންޓަރާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބަލިކް ހެލްތް ޔުނިޓާއި ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓު ގުޅިގެން އެރަށުގެ ވަޅުތަކަށް ކްލޮރިން އެޅުމާއި، ރައްކާތެރި ގޮތުގައި ފެން ބޭނުންކުރުމާ ބެހޭގޮތުން އާމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި މިހާލަތުގައި ފެތުރިދާނެ ބޭރަށްހިންގުން ފަދަ ރޯގާއަކުން ސަލާމަތްވުމަށް ބޭނުންވާ މައުލޫމާތު ވެސް އެޗްޕީއޭ އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ހަސަން ތައުފީގު މިއަދު 'ސަން' އަށް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާގައި އެރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވުމުގެ އިތުރުން ރޭ އައި ކެރިގަނޑުގައި ވައިގަދަވެ ބައެއް ގޯތިތަކުގެ ތެރޭގައި ހުރި ގަސްތައް ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެއިން ފެށިގެން ހުއްޓުމެއްނެތި ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 45 ގެއަކަށް ފެނުގެ އަސަރުކޮށްފައިވާއިރު ފެންހިންދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.