ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށައިފިއެވެ.

މަނަދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ނ. އަތޮޅު ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނެވި ކައުންސިލް މެމްބަރު އަލީ މާޖިދު އާއި މަނަދޫ ކައުންސިލް މެމްބަރުންނާއި ނ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އާތިފް އާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ މި ޚިދުމަތަކީ ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބިދެވޭ ޚިދުމަތެއް ކަމަށެވެ.

ޕޮލިސް ރިޕޯޓްތައް މާލޭގެ އިތުރުން ރާއްޖޭގެ ޕޮލިސް ޑިވިޝަންތަކުގައި ހިމެނޭ އެކި ޕޮލިސް ސްޓޭޝަންތަކުން ދޫކުރަމުންދާނެ ކަމަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.