ލ. މާބައިދޫގައި ބަޔަކު ކާނާ ވިހަވީ ކުނިވެފައި ހުރި މަހުގައި ތައްޔާރުކުރި ކާ އެއްޗެއް ކެވިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މާބައިދޫގައި ހިނގި އެ ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ކާނާ ވިހަ ވުމުގެ ސަބަބުން ބަލިވި މީހުންނަށް ފަރުވާ ދިނުމުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލަމުންދާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަކަށް ރިއާޔަތްކުރާއިރު، މިކަން ހިނގައި ދިޔަކަމަށް ބެލެވެނީ ހިތާނުކޮށްގެން އުޅޭ ތަނެއްގައި ކުނިވެފައި ހުރި މަހުގައި ތައްޔާރުކުރެވިފައިހުރި ކާއެއްޗެއް ކެއުމުގެ ސަބަބުން،" ހެލްތް މިނިސްޓްރީގެ ބަޔާނުގައި އެވެ.

ހެލްތް މިނިސްޓްރީން ބުނީ، މާބައިދޫން ކާނާ ވިހަވެގެން މިހާތަނަށް 47 މީހުންނަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާއިރު، 32 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި ތިން މީހަކު އިތުރު ފަރުވާއަށް ލ. ގަމު ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާބައިދޫގައި މިއަދު ހިނގި އެ ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ ކާއެއްޗެހި ތައްޔާރުކުރުމުގައި ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމަށާއި ކެއްކުމުގައާއި ސުފުރާމަތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.