19 Dec 2014, 19:22
ލ. މާބައިދޫ ގެއަކުން އެރަށު ރައްޔިތުންނަށް ދިން ކެއުމެއް ކައިގެން ކާނާ ވިހަވި ބަޔަކު އިތުރު ފަރުވާއަށް އެ އަތޮޅު ގަމަށް ފޮނުވާލައިފި އެވެ.
މާބައިދޫ ކައުންސިލުގެ ރައީސް އިސްމާއިލް ޝަރީފް 'ސަން' އަށް ވިދާޅުވީ، ކާނާ ވިހަވެގެން ސީރިއަސްވި ދެ ކުއްޖަކު ގަމު ލޯންޗެއްގައި އެ ރަށު ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ކާނާ ވިހަވެގެން ސިއްހީ މަރުކަޒަށް އައި މީހުން ގިނަކަމުން ރަށު ސިއްހީ މަރުކަޒު ބޭރުގައި ވެސް ބައެއް މީހުންނަށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުުވީ، އެ ހާދިސާއާ ގުޅިގެން ގަމު ހޮސްޕިޓަލުގެ ފަރާތުން އެހީތެރި ކަމަކަށް އެދުމުން، އެ ހޮސްޕިޓަލުގެ ޓީމެއް މިހާރު މާބައިދޫއަށް އައިސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"ގަމު ހޮސްޕިޓަލުން އައި ޑޮކްޓަރަކާއި ދެ ނަރުހުން. މިހާރު އެޑްމިޓް ކޮށްފައިވާ މީހުންނަށް ދަނީ ދެ ޑޮކްޓަރުންނާއި ހަތަރު ނަރުހުން ފަރުވާދެމުން. މިހާރު 'އަނެއްހެން' ހާލަތު ރަނގަޅުވަމުން އަންނަނީ،" މާބައިދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
މާބައިދޫން މިއަދު ކާނާ ވިހަވި މީހުންނަށް ބޭނުންވާ ބައެއް ބޭސްތައް އެރަށު ސިއްހީ މަރުކަޒުން ހުސްވުމުން، މާބައިދޫ ކައުންސިލުން ވަނީ އެ ބޭސްތައް ގަމުން ގެނެސްފައެވެ.