އަމިއްލަ ފަރުދަކަށްވުރެ އަބަދުވެސް ގައުމު މުހިންމުވާނެ ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާ ސުޕްރީމް ކޯޓުގައި އިއްޔެ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ބައްދަލުވުމަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް ދެމުންދާ ހަމަލާތައް ބެލުމުގައި މިހާރަށްވުރެ އަވަސް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އަބްދުﷲ ސައީދު ވިދާޅުވީ ކަންތައްތައް ހަރުދަނާ ކުރެއްވުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. ރާއްޖޭގެ ގާނޫނު ތަންފީޒު ކުރައްވަން ތިބޭ ފުލުހުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުންނާއި ގުޅިގެން މީގެކުރިން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށާއި ފުލުހުންގެ މަސައްކަތްތައް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޤައުމަށް ނިކަމެތިކަމެއް އަންނާނެ އެއްވެސް ކަމެއް ސްޕްރީމް ކޯޓުގެ ބެންޗުން ނުކުރައްވާނެ ކަމުގެ ޔަޤީންކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްވި އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް ހަމަލާދިނުމަކީ ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި ވަރަށް ބޮޑު ކުށެއްކަން ފާހަކުރެއްވެވި އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް ދެމުންދާ ހަމަލާތައް ބެލުމުގައި މިހާރަށްވުރެ އަވަސް ހަރުދަނާ އުސޫލެއްގެ ތެރެއިން އެކަން ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

ހަމައެއާއެކު މައްސަލަތައް މިހާރަށްވުރެ އަވަސްމިނެއްގައި ކޯޓުގައި ހިންގިދާނެ ގޮތްތަކާބެހޭގޮތުންނާއި ކުށުގެ ވެށި ފުޅާކޮށް އޮންނައިރު ކުށްކުރާ ފަރާތްތަކަށް އެ ފުރުސަތު ހަނިކުރުވިދާނެ ގޮތްތަކާބެހޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. އަދި ޝަރުޢީ ދާއިރާއަށް ފުލުހުންގެ ފަރާތުން ބޭނުންވާ ފުރިހަމަ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ދެއްވިއެވެ.