19 Dec 2014, 17:12
އިޓަލީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި ލިވަޕޫލްގެ ސްޓްރައިކަރު މާރިއޯ ބަލެޓޮލީގެ ކިބައިގައި ލިވަޕޫލްގެ ފޯވާޑް ލައިން ލީޑުކުރާނެ ފަދަ ފެންވަރު ހުރިކަމާމެދު އެ ޓީމްގެ ކޯޗު ބްރެންޑަން ރޮޖާސް ސުވާލު އުފައްދައިފިއެވެ.
ލިވަޕޫލްގެ ކޯޗު ރޮޖާސް ބުނީ އެ ކްލަބުގެ ފޯވާޑް ލައިންގައި ބަލެޓޮލީ ދައްކަމުންދާ ކުޅުމުގެ ފެންވަރު ވަރަށް ރަނގަޅަށް އޭނާ ބަލަމުން އަންނަ ކަމަށެވެ.
ބަލެޓޮލީގެ ކުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ރޮޖާސް ބުނީ، ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ބަލެޓޮލީ ލިވަޕޫލްގެ ސްކޮޑަށް އިތުރު ކުރަން ނިންމީ އޭނާ ލިވާޕޫލަށް ގެނައުމުން ލިބިދާނެ ގެއްލުމާއި ފައިދާ އަށް ރަނގަޅަށް ވިސްނުމަށްފަހު ކަމަށެވެ. އަދި އެ ވަގުތު ލިވަޕޫލަށް އޭނާ ގެންނަންޖެހުނު އެންމެ ބޮޑު ސަބަބަކީ އެ ދަނޑިވަޅަކީ އެ ކޮންމެހެންވެސް އެ ކްލަބަށް ކުޅުންތެރިއަކު ބޭނުންވެފައިވާ ދަނޑިވަޅަކަށް ވުމުން ކަމަށް އޭނާ ބުންޏެވެ.
"ބަލެޓޮލީ ލިވަޕޫލަށް ސޮއި ކުރުވުމަކީ އެންމެ ފުތަމައިނުންވެސް އަހަރެން ބުނި ފަދައިން 'ކަލްކިއުލޭޓަޑް' ރިސްކެއް. އެވަގުތު ލިވާޕޫލަށް އޭނާ ގެންނަން ވިސްނީ އެ ދުވަސްކޮޅު ކްލަބުގެ ހާލަތު ހުރި ގޮތުން. އެކަމުގައި ލިވަޕޫލަށް އޮތީ ވަރަށް ވަގުތުވެސް ކުޑަތަން ވެފައި. އޭނާ ކްލަބަށް ސޮއި ކުރަން ކްލަބުން އެހާވަރަށް ޚަރަދު ކުރަން ޖެހުނީވެސް އެ ސަބަބަށްޓަކައި،" ރޮޖާސް ބުންޏެވެ.
މިއަހަރުގެ އޮގަސްޓު މަހު ބަލެޓޮލީ ލިވަޕޫލަށް ބަދަލުވެފައި ވަނީ 16 މިލިއަން ޕައުންޑަށެވެ. އަދި ލިވަޕޫލުން އޭނާއަށް ހަމަޖައްސާފައިވާ މުސާރައަކީ ހަފްތާއަކު 6 މިލިއަން ޔޫރޯ އެވެ. ނަމަވެސް ލިވަޕޫލަށް މިހާތަނަށް ކުޅެދިން 15 މެޗުގައި އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ލަނޑެވެ. ޗެންޕިއަންސް ލީގާއި އިނގިރޭސި ލީގު ކަޕްގައި އޭނާ ލިވަޕޫލަށް އެ ދެ ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު އެއްވެސް މެޗެއްގައި މިހާތަނަށް އޭނާއަށް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ.
އިޓަލީގެ ކްލަބުތަކުން އިނގިރޭސި ކްލަބުތަކަށް މީގެ ތިން އަހަރު ކުރިން ބަދަލުވީއްސުރެ ބަލެޓޮލީގެ ކުޅުމުގެ ފެންވަރު ދަށްވެފައި ވާކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ. ބަލެޓޮލީ ފުރަތަމަ ކުޅެދިން އިނގިރޭސި ކްލަބް ކަމަށްވާ މެންޗެސްޓާ ސިޓީއަށް އޭނާ ވަނީ 54 މެޗުގެ ތެރޭގައި 20 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސިޓީގައި އެއް ސީޒަން ހޭދަކުރުމަށްފަހު 2013 ގައި އަނެއްކާވެސް އޭނާ އިޓަލީއަށް ބަދަލުވެފައި ވާއިރު، ލިވަޕޫލަށް އޭނާ ސޮއިކޮށްފައި ވަނީ މި އަހަރު އެވެ.