ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ޗެލެންޖް ކަޕް 2014ގެ އިއްޔެގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ޑީއެފް ބާސާގެ މައްޗަށް ކުރި ހޯދާ، މުބާރާތުގައި ހެއްޔާނބޯ އެޓީމްގެ ދެވަނަ ކާމިޔާބީ ހޯދައިފިއެވެ.

އިއްޔެ ކުޅުނު މެޗު ހެއްޔާނބޯ ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ހެއްޔާނބޯ ވަނީ މުޅިއަކު ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ހެއްޔާނބޯ ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ އެ ޓީމްގެ ޝިމާޒް ހަސަން އާއި މިގްދާދު ސައީދު އާއި މުހައްމަދު އަހުމަދު އަދި ނާއިޒް ހަސަން އެވެ. އެ ހާފްގައި ހެއްޔާނބޯގެ ނާއިޒް ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ހެއްޔާނބޯގެ ބާކީ ތިން ލަނޑު ހެޓްރިކަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަހުމަދު ނިޔާޒު އެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާ އެވެ. މެޗަށް ފަހު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފަރާތަށް އިނާމް ދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ތިނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަލީ އިކްރާމް އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ލީގު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެގެ ނަތީޖާއާއެކު ހެއްޔާނބޯ ވަނީ މުބާރާތުގެ ތާވަލްގެ އެއްވަނަ މަގާމް ހޯދާފައެވެ. މުބާރާތުގައި މިހާތަނަށް ހަތް މެޗު ކުޅެފައި ވާއިރު، ހެއްޔާނބޯ، ބަރާސިލާ އަދި ސެންޓަ ފޮކްސަސް ކޮންމެ ޓީމެއް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، މުބާރާތުގައި މުޅިއަކު ހަ ޕޮއިންޓު ހޯދާފައެވެ. އެހެން ކަމުން ހެއްޔާނބޯ މުބާރާތުގެ ތާވަލްގެ އެއްވަނަ ހާސިލްކޮށްފައި ވަނީ ގޯލުގެ ތަފާތުންނެވެ. މުބާރާތުގައި ހެއްޔާނބޯއަށް މިހާތަނަށް ފައިދާ ހަތް ގޯލު ލިބިފައި ވާއިރު، ތާވަލްގެ ދެވަނައިގައި އޮތް ބަރާސިލާއަށް ލިބިފައި ވަނީ ފައިދާ ހަތަރު ގޯލެވެ. އަދި ތާވަލްގެ ތިން ވަނައިގައި އޮތް ސެންޓާ ފޮކްސަސް އަށް ފައިދާ ގޯލުގެ ގޮތުގައި ލިބިފައި ވަނީ ދެ ގޯލެވެ.

މުބާރާތުގައި އަދި މިހާތަނަށް ޓީމް ހޯބަހަކުން ކުޅެފައި ވަނީ ދެ މެޗެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އެ ޓީމް ވަނީ ތިން ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ މަގާމުގައެވެ. އަދި މުބާރާތުގައި ޑީއެފް ބާސާވެސް މިހާތަނަށް ތިން މެޗު ކުޅެފައި ވާއިރު، އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިއަދުގެ މެޗާއެކު ދެން ކުޅެން ހަމަޖެހިފައި ވަނީ މުޅިއަކު ތިން މެޗެވެ. އަދި ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.