ލ. މާބައިދޫގެ ގިނަ ބަޔަކު ކާނާ ވިހަވެެގެން ސިއްހީ މަރުކަޒަށް ގެންދަން ފަށާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލުގެ ނައިބް ރައީސް އަލީ ފައިސަލް ވިދާޅުވީ، ކާނާ ވިހަވެގެން ގިނަ ބަޔަކު ސިއްހީ މަރުކަޒަށް ގެންނަމުންދާ ކަމަށާއި އަދަދެއް ދަންނަވަން އަދި ދަތިކަމަށެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ ކާނާ ވިހަވެގެން 100 އަށްވުރެ ގިނަ މީހުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އަދިވެސް އިތުރު މީހުން ގެންދިޔުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ކާނާ ވިހަވެފައިވަނީ ހަމައެކަނި ފިރިހެނުން ކަމަށާއި އެ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ލ. މާބައިދޫގެ ބަޔަކު ކާނާ ވިހަވެެގެން ސިއްހީ މަރުކަޒަށް ގެންގޮސްފައި ވާތީ ގިނަ ބަޔަކު ސިއްހީ މަރުކަޒުގައި --- ފޮޓޯ/ ފަޒީލް
ކައުންސިލުގެ ނައިބް ރައީސް ވިދާޅުވީ، ކާނާ ވިހަވި މީހުންނަށް ބޭނުންވާ ބައެއް ބޭސްތައް އެރަށު ސިއްހީ މަރުކަޒުން ހުސްވުމުން، ބޭނުންވާ ބޭސް ބަލައި އެއަތޮޅު ގަމަށް ގޮސްފައިވާ ކަމަށެވެ.

"ކެއުމަށްފަހު ގިނަ ބަޔަކު އެލާޖިކްވެ ބޮލަށްދަތުވާތީ އިނގުނީ ކާނާ ވިހަވެއްޖެކަން. އޭގެ ފަހުން އެ އެއްޗެއް ނުކައި. ގިނަ ބަޔަކު އެއް ފަހަރާ އައުމުން ސިއްހީ މަރުކަޒުގެ ބޭސްތައް ހުސްވެގެން މިހާރު މިދަނީ ގަމަށް ބޭސް ބަލައި،" މާބައިދޫ ކައުންސިލުގެ ނައިބް ރައީސް ވިދާޅުވި އެވެ.
ލ. މާބައިދޫގެ ގިނަ ބަޔަކު ކާނާ ވިހަވެެގެން ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި --- ފޮޓޯ/ ފަޒީލް
އޭނާ ވިދާޅުވީ، އެރަށު ބަޔަކު ކާނާ ވިހަވެފައިވަނީ އެރަށު ހިތާނީ ގެއަކުން މިއަދު ރަށު ރައްޔިތުންނަށް ދިން މެންދުރުގެ ކެއުމެއް ކައިގެން ކަމަށެވެ. އަދި ކާނާ ވިހަވެފައިވަނީ ސަކަރާތްވެފަހުރި މަހުން ތައްޔާރުކޮށްފައިހުރި އެއްޗެއް ކެވިގެން ކަމަށް ބެލެވޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.