ލޭގޮސް (ޑިސެމްބަރު 19): ނައިޖީރިޔާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތުން އެގައުމުގެ އިރުއުތުރުގެ ސަރަހައްދަކުން 35 ފިރިހެނުން މަރާލައި އެމީހުންގެ އަނބިދަރިން ވަގަށް ނަގައިފިއެވެ.

މިކަން ހާމަކުރައްވަމުން ނައިޖީރިޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ ބޯކޯ ހަރާމް ޖަމާއަތުން މިޖަރީމާ ހިންގާފައިވަނީ އެގައުމުގެ އިރުއުތުރުގައިވާ އެކަހެރި ވިލެޖެއް ކަމަށްވާ ގޮމްސޫރީ އަށް ރޭގަނޑުގެ ވަގުތުގައި އަރައިގަނެގެންނެވެ. ގޮމްސޫރީއަށް އަރައި އެވިލެޖްގެ ގެތަކަށް ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ވަދެ 35 ފިރިހެނުން މަރާލުމަށްފަހު އަންހެނުންނާއި އަންހެން ކުދިން ވަގަށްނެގީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގޮމްރީން ބޯކޯހަރާމްގެ ހަތިޔާރުއެޅި މީހުން އެވިލެޖުން ވަގަށްނެގި އަންހެނުންނާއި އަންހެން ކުދިންގެ އަދަދު 200 އަށް އަރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބޯކޯ ހަރާމުން ވަގަށްނެގި އަންހެނުންނާއި އަންހެން ކުދިންނަކީ އެޖަމާއަތުން މަރާލި 35 ފިރިހެނުންގެ އަނބިންނާއި ދަރިންކަމަށް ނައިޖީރިޔާގެ ފުލުހުން ބުންޏެވެ.

ބޯކޯ ހަރާމް ޖަމާއަތަކީ ނައިޖީރިޔާގެ ކުށެއްނެތް އާންމުން މަރައި އަންހެނުންނާއި އަންހެން ކުދިން ވަގަށް ނަގައި އެމީހުން އަޅުންގެ ގޮތުގައި ވިއްކަމުން ގެންދާ މުޖުރިމުންގެ ޖަމާއަތެވެ. ބޯކޯ ހަރާމްގެ ހަނގުރާމަވެރިން އެގައުމުގެ އެކި ކަންކޮޅުތަކުން ވަގަށްނަގައި ރަހީނުކޮށްފައިވާ އަންހެންކުދިންގެ އަދަދު އެތައް ސަތޭކައަކަށް އަރައެވެ. މީގެތެރެއިން ބައެއް އަންހެން ކުދިންނަށް މަޖުބޫރުކޮށް ބިރުދައްކައިގެން އެޖަމާއަތުގެ ހަނގުރާމަވެރިން އެކުދިންނާ ކައިވެނި ކޮށްފައިވާ ކަމަށާއި އަނެއްބައިކުދިން އަޅުންގެ ގޮތުގައި ވިއްކަމުން ގެންދާ ކަމަށް ނައިޖީރިޔާ ސަރުކާރުން ބުންޏެވެ. (ރޮއިޓާސް)