19 Dec 2014, 14:21
ބާލިން (ޑިސެމްބަރު 19): ހާލުގައި ޖެހިފައިވާ ސީރިޔާގެ 18 މިލިޔަން މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި 2015 ވަނައަހަރަށް ޖުމްލަ 8.4 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ބުނެފިއެވެ.
ސީރިޔާގެ ރެފިއުޖީންނަށް އެހީތެރިވުމާބެހޭގޮތުން ބާލިންގައި އިއްޔެ ބޭއްވި މަހާސިންތާއެއްގައި އދ. އިން ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައިވަނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިޔާގެ 18 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި 8.4 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށެވެ.
މިމަހާސިންތާގައި ވާހަކަ ދައްކަވަމުން ރެފިއުޖީންނާބެހޭ އދ. ގެ އިދާރާގެ ވެރިޔާ އެންޓޯނިޔޯ ގޮޓީރަސް ވިދާޅުވީ ސީރިޔާގެ 18 މިލިޔަން ރެފިއުޖީންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ސާފުތާހިރު ވުމަށް ބޭނުންވާ ތަކެތި ފަދަ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަކީ ބޮޑުކަމެއް ކަމުގައެވެ. އެހެންކަމުން އެކަމަށްޓަކައި 2015 ވަނަ އަހަރަށް ޖުމްލަ 8.4 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ގޮތީރަސް ވިދާޅުވިއެވެ. ގޮތީރަސް ވިދާޅުވީ 8.4 ބިލިޔަން އެމެރިކާ ޑޮލަރަކީ ބޮޑު އަދަދެއް ނަމަވެސް ސީރިޔާގެ ދާޚިލީ ހަނގުރާމަ ދިގުލުމުގެ ސަބަބުން ޙާލުގައިޖެހޭ މީހުންގެ އަދަދު އިތުރުވެ އެމީހުންނަށް ފޯރުކޮށްދޭންޖެހޭ ތަކެތި އިތުރުވަމުންދާކަމުގައެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސީރިޔާގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 22 މިލިޔަން އާބާދީގެ ތެރެއިން ނުވަ މިލިޔަންމީހުންގެ ގެދޮރު ހަލާކުވެ ހާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި ގައުމުން ބޭރުގައާއި ގައުމުގެ އެތެރޭގައި އުޅެންޖެހިފައިވެއެވެ. ސީރިޔާގެ ރެފިއުޖީންގެ ތެރެއިން ގިނަބަޔަކު އެގައުމުގެ އެތެރޭގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުން ގެންދާއިރު އަވަށްޓެރި އުރުދުން، ތުރުކީ، އިރާގު އަދި ލުބްނާންގައިވެސް 1.8 ސީރިޔާގެ ރައްޔިތުން ދިރިއުޅެމުން ގެންދެއެވެ. މީގެއިތުރުން ސޫރިޔާގެ އިތުރު 9.4 މިލިޔަން މީހުންވެސްވަނީ އދ. އިން ފޯރުކޮށްދޭ ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އަސާސީ ތަކެއްޗަށް ބަރޯސާވާންޖެހިފައެވެ.
އެހެންކަމުން އދ. އިން ފޯރުކޮށްދޭ އިންސާނީ އެހީއަށް ދިރިއުޅުން ބަރޯސާ ކުރަންޖެހިފައިވާ ސީރިޔާގެ ރައްޔިތުންގެ އަދަދު 18 މިލިޔަނަށް އަރާކަމަށް ރެފިއުޖީންނާބެހޭ އދ. ގެ އިދާރާއިން ބުންޏެވެ.
ބާލިންގައި އިއްޔެ ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން އިންސާނީ އެހީއާބެހޭ އދ. ގެ އިދާރާގެ ވެރިޔާ ވެލަރީ އާމޮސް ވިދާޅުވީ ސީރިޔާގެ ދާޚިލީ ހަނގުރާމައަށް ހައްލެއް ނައިސް އެހަނގުރާމަ އިތުރަށް ދިގުލައިގެންދާނަމަ ސީރިޔާގެ ރައްޔިތުންގެ އިންސާނީ ހާލަތު މިއަށްވުރެވެސް ގޯސްވެ ރެފިއުޖީންގެ އިތުރު ވެގެންދާނެކަމުގައެވެ.
ސާޅީހަށްވުރެ ގިނަ ގައުމުގެ މަންދޫބުންނާއި އިންސާނީ އެހީގެ ދާއިރާތަކުގައި މަސައްކަތްކުރާ އެތަށް ޖަމްއިއްޔާއެއްގެ މަންދޫބުންނާއި އދ. ގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވި މި މަހާސިންތާގައި ގިނަގައުމުތަކުންވަނީ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާއާއި ތަކެތީގެ ތެރެއިން ބައެއް އދ. ގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންދީފައެވެ. (އަލްޖަޒީރާ)