19 Dec 2014, 13:45
ރާއްޖޭގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެރަށުގެ ކައުންސިލުގެ ރައީސް ހަސަން ތައުފީގު މިއަދު 'ސަން' އަށް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާގައި އެރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވުމުގެ އިތުރުން ރޭ އައި ކެރިގަނޑުގައި ވައިގަދަވެ ބައެއް ގޯތިތަކުގެތެރޭގައި ހުރި ގަސްތައް ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގައި ފެންބޮޑުވެފައި ---- ސަން ފޮޓޯޅ ކިޔުންތެރިއެއް
"ރޭ ދަންވަރު ގާތްގަނޑަކަށް 1:00 ފެށިގެން އަދިވެސް ދަނީ ވާރޭ ވެހެމުން. ރަށުގެ ބޮޑު ބަޔަކު ވަނީ ފެންބޮޑުވެފައި. އަދި ދެ ގޯތްޗެއްގެ ތެރޭގައިހުރި ބަބުކެޔޮ ގަސްތަކާއި ހިރުދުގަސްތަކާއި ބައެއް ރުއްގަސް ވަނީ ވެއްޓިފައި. ނަސީބަކުން އެއްވެސް ގެއަކަށް އަދި މީހަކަށް ގެއްލުމެއް ނުލިބޭ،" ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.ތައުފީގު ވިދާޅުވީ، ރޭ ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އެރަށުގެ އިރު އުތުރުގައި އަލަށް އެޅި ގެތަކަށް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި 47 ގެއަށް ފެންވަދެފައިވާއިރު، އެގެތަކުގެ ގޯތިތެރޭގައި ހުރި ޖަކްޝަންތަކަށް ފެންއެޅި މުޅި ގޯތި ތެރެއަށް ނަޖިސް ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގެތަކަށް ފެންވަނުމުގެ ސަބަބުން ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުންތަކެއްތޯ ބަލަމުން އަންނަ ކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގައި ފެންބޮޑުވެފައި ---- ސަން ފޮޓޯޅ ކިޔުންތެރިއެއް
"އެގެތަށް ހުންނަ ސަރަހައްދު އޮންނާނީ ކުޑަކޮށް ތިރިކޮށް. ގޯތިތެރޭގައި ހުރި ޖަކްޝަންތައް މި ހުންނަނީ މަތިން ލޯވަޅު އަޅާފަ. ދެން ފެންބޮޑުވުމުން ޖަކްޝަނަށް ފެންއެޅި އެޅުނު ފެނާއި ޖަކްޝަންގެ ހުރި ފެނާ އެއްވެ، މިހާރު އެ ސަރަހައްދުގެ ހުރިހާ ގެއަކަށްވަނީ ނަޖިސް ފެތުރިފަ." ތައުފީގު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ ގެތަކުން ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލާއި ރަށުގެ ބައެއް އާއްމުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ރަށަށް މިހާރުވެސް ވާރޭވެހެމުންދާތީ އިތުރު އެހީތެރިކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށާއި އެމްއެންޑީއެފަށް މިހާރު އެދިފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގެ ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވެފައި ---- ސަން ފޮޓޯ: ކިޔުންތެރިއެއް
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ. އެވެ.