މި ސަރުކާރު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމުގެ ކުރިން ރާއްޖޭގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"ސަން ޓީވީ" ގެ 50މިނެޓު ޕްރޮގުރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ އެސްޓީއޯގެ އާ މެނޭޖްމަންޓު އެ ކުންފުންޏާ ހަވާލުވީ އިރު ގިނަ އަދަދެއްގެ ދަރަނިތަކެއް ހުރި ކަމަށާއި އަދި އެނޫނަސް ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އާޒިމް ވިދާޅުވީ އެސްޓީއޯ އަކީ ގައުމުގެ އިގްތިސާދުގެ އެއް މުއައްސަސާ ކަމަށެވެ. ސަރުކާރުގެ ޒިންމާއަކީ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުން ކަަމަށާއި ސަރުކާރެއް ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވަނީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ އެއްކަމަކީ އިކޮނޮމިކަލީ [އިގްތިސާދީ] ގޮތުން ހަރުދަނާ ގައުމަކަށްވުން. މިހާރު އަޅުގަނޑުމެން ބަލަންވީ ވޭތުވެދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިކޮނޮމީއަށް ވެގެންދިޔަ ގޮތް. މި މެކްރޯ އިކޮނޮމީ ހަލާކުވުމުން މައިކްރޯ އިކޮނޮމީ ހަމަ އެއްކޮށް ހަލާކުވެގެން ދާނެ. މައިކްރޯ އިކޮނޮމީގައި މިތިބެނީ ކުންފުނިތަކާއި ރައްޔިތުންނާއި މިކަންކަން. މެކްރޯގައި މި ހުންނަނީ ފިޒިކަލް ޕޮލިސީޒް މަނިޓަރީ ޕޮލިސީޒް މިފަދަ ކަންކަން. މީގެ ތެރޭގައި އެކްސްޗޭންޖް ރޭޓު ހަރުދަނާ ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަންކަން." އާޒިމް ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމުގެ ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުވެގެން ދިޔަ ކަމަށާއި ހަމައެއާއެކު ދިވެހި ރުފިޔާގެ އަގު ބަލިކަށި ވެގެން ދިޔަ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"ބައްލަވާ 12.85 އަކުން ގާތްގަނޑަކަށް މަގުމަތީގެ އަގުތަކަށް ބަލާލިއިރުގައި 18 ރުފިޔާއާ ހަމައަށް އެއޮތީ ގޮސްފައި. ދެން ބައްލަވާ ގައުމަކަށް ވާނެ ގޮތް. ދެން ބައްލަވާ ކުންފުނިތަކަށް ވާނެ ގޮތް. އެވަރަކަށް އަގުތަކެއް މައްޗަކަށް ނުޖެއްސޭނެ ދެއްތޯ.. އެހެންވީމަ މިހުރިހާ ކަމެއް ކުރިމަތިވީ. ޑޮލަރު ލިބުން ދަތިވުމާއި ދިވެހި ރުފިޔާގެ އަގު ވެއްޓުމާއި ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުވުމާއި މިހުރިހާ ކަމެއް ވީމާ ހުރިހާ ކުންފުނިތަކެއް ހަލާކުވެ ބަނގުރޫޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދާނެ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯ ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިނަަވެސް ގައުމަށް ދިމާވާ އެފަދަ ހުރިހާ ކަމެއް އެކުންފުނިންވެސް "ބަރުދާސްތު" ކުރާނެ ކަމަށެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި އެސްޓީއޯއަށްވެސް ދިމާވި އެންމެ ބޮޑު ދަތިތަކަކީ އެއީ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުން ގައުމުގެ އިގްތިސާދަށް ދޭންޖެހޭ ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

މިއަދު ހުރިހާ ކުންފުނިތަކަކާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުން ގިނަ ކަންތައްތަކެއް ފަސޭހަވެގެން ގޮސްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރަން. ސަރުކާރުން ރާއްޖޭގެ އިގްތިސާދަށް މިހާރު ވަރަށް ބޮޑު ސަމާލުކަމެއްދޭ. އެކަމުގެ ހެއްކެއް އަޅުގަނޑުމެންނަށް (އެސްޓީއޯ) އަށް ސަރުކާރުން ލިބެންޖެހޭ ފައިސާތައް ލިބުން. " އާޒިމް ވިދާޅުވި އެވެ.